ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަ ގްރޫޕްގެ ތެރެއިން ފަސް ގްރޫޕްގެ ހުރިހާ ޓީމެއް ވެސް މިހާރު އެއް މެޗު ކުޅެފައިވާ އިރު މިއަދު ބާކީ އޮތް ގްރޫޕް އެފްގެ ދެޓީމު މިއަދު ފުރަތަމަ މެޗުތައް ކުޅޭނެއެވެ. އެހެން ކަމުން މިއަދުގެ މެޗުތައް އޮންނާނީ ރޭގަނޑު 9 ޖަހާ އިރާ ދަންވަރު 12 ޖަހާ އިރެވެ. އަދި ހަވީރު 6 ޖަހާ އިރު މެޗެން ނޯންނާނެއެވެ.
ރޭގަނޑު ނުވައެއް ޖަހާ އިރު ކުޅޭނީ ތުރުކީ އަދި ޖޯޖިއާ
ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖޭ ގަޑިން 9 ޖަހާ އިރު ކުޅޭނީ ތުރުކީއާ ޖޯޖިއާއެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން މި ދެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފަހަރުގެ މެޗުން 1-3 އިން މޮޅުވީ ތުރުކީއެވެ.
އެހެން ނަމަވެސް މިރޭގެ މެޗަށް ތުރުކީ ނިކުންނަ އިރު އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. މިގޮތުން، އެޓީމުން އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅެއް ނުވެއެވެ. ތިން މެޗުން ބަލިވި އިރު އަނެއް މެޗުން ވީ 0-0 އިން އެއްވަރެވެ.
ޖޯޖިއާއަށް ބަލާ އިރު އެޓީމު ޔޫރޯއަށް އައި ޕްލޭ އޮފްގައި ޕެނަލްޓީ ޖަހައިގެން ގްރީސް ބަލިކުރުމަށް ފަހުއެވެ. ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން ކުޅުނީ އެންމެ މެޗެކެވެ. މިގޮތުން މިމަހުގެ 9 ވަނަ ދުވަހު މޮންޓެނީގްރޯއާ ދެކޮޅަށް ކުޅުނު މެޗު ޖޯޖިއާއިން ވަނީ 3-1 އިން ކާމިޔާބުކޮށްފައެވެ. އެހެން ކަމުން މުބާރާތަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތުމުން އެކަމުގެ ހިތި ނަތީޖާ އެޓީމަށް ފެނިދާނެ ކަމަށް ޕަންޑިޓުން އިއްތިފާގުވެއެވެ.
ދަންވަރު 12 ޖަހާ އިރު ޕޯޗުގަލް ނިކުންނާނީ ޗެކް ރިޕަބްލިކްއާ ދެކޮޅަށް
ގްރޫޕް ސްޓޭޖްގެ ފުރަތަމަ ރައުންޑްގެ މެޗުތަކުގެ ތެރެއިން އެންމެ ފަހު މެޗުގައި މިރޭ ވާދަކުރާނީ ގްރޫޕް އެފްގައި ޕޯޗުގަލްއާއި ޗެކް ރިޕަބްލިކްއެވެ.
ޕޯޗުގަލްއަކީ ޔޫރޯ ކުއަލިފައިންގައި އެންމެ ފޯމުގައި އޮވެގެން މުބާރާތަށް އައި ޓީމެވެ. މިގޮތުން އެޓީމުން ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން މޮޅުވެފައެވެ. އަދި އެ ދިހަ މެޗުގައި ޕޯޗުގަލް އިން 36 ލަނޑު ޖެހި އިރު އެޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ 2 ލަނޑެވެ. އަދި 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފަހުން ޕޯޗުގަލްއިން ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗު ފިޔަވާ ދެން ކުޅުނު ހުރިހާ މެޗެއްގައި ވެސް ވަނީ ލަނޑު ޖަހާފައެވެ.
މިރޭގެ މެޗުން ޕޯޗުގަލްގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ފެނުމުގެ ފުރުސަތު އޮތް އިރު އޭރު އޭނާ ވަނީ އެންމެ ގިނަ ޔޫރޯ މުބާރާތުގައި ކުޅުނު ކުޅުންތެރިޔާއަށެވެ. މިރޭގެ މެޗަށް ރޮނާލްޑޯ އަރުވައިފިނަމަ އޭނާ 6 ޔޫރޯ މުބާރާތުން ފެނިގެންދާނެ އިރު 39 އަހަރުގެ ރޮނާލްޑޯ ވަނީ ޔޫރޯ ގައި 14 ގޯލު ޖަހާފައެވެ. މިއީ އެހެން އެއްވެސް ކުޅުންތެރިއަކަށް އަދި ހަމަ ހަމަކުރެވިފައިވާ ރިކޯޑެއް ނޫނެވެ.
ޕޯޗުގަލްއާ ވާދަކުރާ ޗެކް ރިޕަބްލިކް މިމެޗަށް ނިކުންނަ އިރު އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު 4 މެޗުން ވެސް މޮޅުވެފައިވާ އިރު މި ހަތަރު މެޗުގައި އެޓީމުން ވަނީ 13 ގޯލު ޖަހާފައެވެ.