ދިވެހިންގެ އެހީގައި ފަލަސްތީނުގެ ރައްޔިތަކު ރާއްޖެ ގެނެސްފިއެވެ.

އުމުރުން 17 އަހަރުގެ ނަދާ ރާއްޖެ ގެނެސްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ އެކި އެކި ފަރާތްތަކަށް އެހީ ފޯރުކޮށްދޭ ޖަމާއަތެއް ކަމަށްވާ 'ހިދުމަތް' ޖަމިއްޔާ އިންނެވެ. ނަދާ އަކީ ގާރީ، އަބްދުއްސައްތާރު އަބޫބަކުރުގެ އާއިލާ އާއި ގުޅުން ހުރި ކުއްޖެކެވެ.

އެ ޖަމާއަތުން މިއަދު ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އިޒްރޭލުން ދެމުންދާ ލާ އިންސާނީ ހަމާލަތުން ސަލާމަތްވެ ނަދާއަށް ރާއްޖެ އާދެވުނީ ދިވެހިންގެ ދީލަތި އެހީއާއެކު ކަމަށެވެ. އަދި މި އަމަލުން ދައްކުވާދެނީ ދިވެހިންނަކީ ލޯތްބާއި އަޅާލުމާއި އޯގާތެރި ބައެއް ކަަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

"ނަދާއަށް މިއަދު މި ދޮންވެލި ގޮނޑުދޮށްތަކުގެ ހިމޭންކަމުން މަރުހަބާ މިކިޔަނީ، އަޅުގަނޑުމެންގެ އަމިއްލަ ލޭހިނގާ އުހުތަކަށް މަރްހަބާ ކިޔާނެ ލޯތްބާއި އޯގާތެރިކަމާއި އެކުގައެވެ." ހިދުމަތް ޖަމިއްޔާގެ ޕޯސްޓުގައި ވެއެވެ.

ދިވެހިންގެ އެހީގައި ރާއްޖެ ގެނައި ފަލަސްތީނުގެ ނަދާ އަދި ދިވެހިން

ނަދާ މިވަގުތު ރާއްޖޭގައި ހުރި ނަމަވެސް ތައުލީމު ހާސިލް ކުރުމަށް ވަރަށް އަވަހަށް މެލޭޝިޔާއަށް ފުރާނެއެވެ. އަދި އެކަމުގެ ހަރަދުތައްވެސް ހަަމަޖެއްސުމަށް ނިންމާފައިވަނީ ދިވެހިން ދޭ އެހީގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެެވެ.

ދާދި ފަހުންވެސް ވަނީ ދިވެހިންގެ އެހީގައި ފަލަސްތީނުގެ އާއިލާއެއް ރާއްޖެ ގެނެސްފައެވެ. އެފަހަރު ރާއްޖެ ގެނެސްފައިވަނީ އިސްލާމިކް ޔުނިވަސިޓީގައި މަސައްކަތްކުރައްވާ ފަލަސްތީންގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރްދީގެ އާއިލާ އެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ)ގެ އެހީގައި ޑރ. ކުރުދީގެ އާއިލާގެ ފަސް މެންބަރުން ގެނެސްފައިވާއިރު ރަފަހްގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިސްރަށް ނެރުމަކީ އުނދަގޫ އަދި އެހާމެ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެކެވެ.

އެގޮތުން އެ މީހުން މިސްރަށް ނެރުމަށް ބޮލަކަށް 5000 ޑޮލަރު ދައްކަން ޖެހެ އެވެ. ނަމަވެސް ދިވެހިންގެ ފަރާތުން މިފަދަ ކަންކަމަށް ލިބިދޭ އެހީތެރި ކަމަކީ އިސްލާމީ އުންމަތެއްގެ ރީތި މިސާލެވެ.

އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 35،709 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި މިމުއްދަތުގައި 79،990 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ރާއްޖެއިންވެސް ވަކާލާތު ކުރަމުންދާއިރު އިޒްރޭލުގެ ޔަހޫދީން ދަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ.