އިޒްރޭލުގެ މުގާބިލުގައި ރައްދު ދޭނެ އެއްވެސް ބާރެއް ނެތް ގާޒާގެ ރައްޔިތުން ބަނޑަށް މެރުމަށް އިޒްރޭލުން ހިންގާ ޖަރީމާގައި ހުސްވި މާޗު މަހުން ފެށިގެން މިހާތަނަށް 326 ކުދިން މަރުވެފައި ވާ ކަމަށް އިދާރާތަކުން ބުނެފިއެވެ.

އިޒްރޭލުން ހަމަލާ ދީ ގެދޮރު ސުންނާފަތި ކޮށްލުމުގެ އިތުރު ގަދަކަމުން ގެދޮރުން ނެރެ މަގުމަތި ކޮށްލާފައި ވާ އެތައް ހާސް ބަޔަކު ގާޒާގެ ތެރޭގައި ބަނޑަހަ ޖަހައިގެން އުޅެމުން ދާ އިރު ކާބޯތަކެއްޗާއި ބޯފެނާއި ބޭހުންވެސް އެމީހުން ވަނީ މަހުރޫމް ކުރުވާފައެވެ.

ފާއިތުވި 11 މަސް ނިމިގެން މިދިޔައީ ކާބޯތަކެތީގެ އެއްވެސް މިންވަރެއް ގާޒާއަށް އެތެރެ ވިޔަ ނުދީ ބަނޑަށް މަރުވާން ދޫކޮށްލާފައި އޮވެއެވެ.

ގާޒާގެ އިދާރާތަކުން ބުނާ ގޮތުން ހުސްވި މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 326 ކުއްޖަކު މުދުނިޔެ ދޫކުރީ ބަނޑަށެވެ. އެއީ އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި އަދަދު ނުހިމަނައެވެ. މި ކަމަށް ބާރުދީ ދ ގެ އިދާރާއިން ބުނެފައި ވަނީ، މިއީ ގާޒާ އަށް ހައްސާސް ވަގުތެއް ކަމަށާއި ކާބޯތަކެތެއްޗާއި ބޯފެނާއި ބޭސް ބަންދު ކޮށްގެން ތިބުމުގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި 14،000 ކުދިން ބަނޑަށް މަރުވުން އެކަށީގެން ވާ ކަމަށެވެ.

މި ވާހަކަތަކުގެ އަޑުތައް ގަދަވުމާއި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާގެ ފިއްތުންތަކާއި ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކުގެ ފިއްތުންތަކާއެކު އިޒްރޭލުން ވަނީ ގާޒާއަށް ކާބޯތަކެތީގެ 93 ޓްރަކް ވަނުމަށް ހުއްދަ ދީފައެވެ. ނަމަވެސް އދ ގެ އިދާރާއިން ބުނެފައި ވަނީ، އެއިން އެއްވެސް ޓްރަކެއްގެ މުދަލެއް އާންމު ރައްޔިތަކަށް އަދި ލިބިފައި ނުވާ ކަމަށެވެ.

އިނގިރޭސިވިލާތުން ވަނީ، އިޒްރޭލާއެކު އޮންނަ މިނިވަން ވިޔަފާރީގެ ގުޅުންތައް ދެމެހެއްޓުމާ ބެހޭ ވާހަތައް ހުއްޓާލައި ހިފާފައިވާ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންނާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައެވެ. އޮސްޓްރޭލިއާ އަދި ކެނެޑާއިން ބުނެފައި ވަނީ ގާޒާއަށް ކާބޯތަކެތި ވެއްދިޔަ ނުދޭނަމަ އިޒްރޭލާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޖުމްލަ 53،573 މީހަކު ޝަހީދު ކޮށްލައި، 121،686 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ. މި އަދަދުތަކަކީ ވީނުވީއެއް ނޭނގި ގެއްލިފައި ވާ 12،000 އެއްހާ މީހުން ނުހިމަނާ އާންމު ކުރާ އަދަދުތަކެވެ. ގާޒާގެ އިދާރާތަކުން ބުނާ ގޮތުން ވީނުވީއެއް ނޭނގި ގެއްލިފައި ވާ މީހުންނަކީ ހަމަލާތަކުގައި މަރުވެފައި ވާ މީހުން ކަމަށް މިހާރު ޔަގީން ކުރެވިފައި ވާ ކަމަށެވެ. އެހެން ކަމަށް ވާނަމަ، މަރުވި މީހުންގެ ޖުމްލަ އަދަދު 65،000 އިން މައްޗަށްއަރާނެއެވެ.

އިޒްރޭލުގެ މިހާރުގެ އަމާޒަކީ ގަދަބާރުން ގާޒާގެ އެންމެން ވަޒަނުން ނެރެ ހުސްކޮށްލުމެވެ. އެގޮތުން ވަކިވަކި ސަރަހައްދުތަކުގައި ނޫޅުމަށާއި ވަކިވަކި ސަރަހައްދުތަކަށް ނުވަނުމަށް އަންގާ އިންޒާރު ދެމުން، އެއްވެސް ހިލަމެއް ވާނަމަ ބަޑި ޖަހާ މަރާނެ ކަމަށް ވަނީ އަންގާފައެވެ. އެމެރިކާގެ ފުރިހަމަ ތާއީދާއި އަދި މަދަދާއެކު އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ މި ޖަރީމާގެ ފާހަތުގައި ވަނީ، ގާޒާ ހިފާ އެތާނގައި ރަލާއި އޫރުމަސް އަދި ޖުވާ އާއި ފާހިޝް އަމަލުތަކުން މުއްސަނދި ވިޔަފާރިތައް ހިންގާ ޔަހޫދީ އާބާދީތައް ހެދުމެވެ. އެ މަގަށް މަސައްކަތްތައް ބައްޓަން ކުރުމަށްޓަކައި ގާޒާއިން ބޯހިޔާވަހިކަން ބޭނުންވާ ޔަހޫދީންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ވިޔަފާރި މަރުކަޒުތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައި ވެއެވެ.