ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓާއެކު މިގޮތަށް ފާސްކޮށްފައިވާއިރު، ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދޭ އެއްބާރުލުމަށާއި ކުރާ އިތުބާރަށް ޝުކުރު އަދާކޮށްފައެވެ. އެއާއެކު ޝަރީފު ވިދާޅުވީ މި ކާމިޔާބީގެ ފަހަތުގައި ވަނީ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ.
ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު ބޭންކަށް ސާފު ފަައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށެވެ. އަދި މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ބީއެމްއެލް އިން މަސައްކަތް ކުރަނީ މި ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ކަމަށާއި އަދި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ.