މިހާތަނަށް ދިވެހި ހައްޖުވެރިން މައްކާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިވަގުތާ ހަމައަށް ދިވެހި 499 ހައްޖުވެރިން މައްކާއަށް ވާސިލްވެފައިވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެންމެހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ހައްޖު ކޯޕަރޭޝަނުން ފުރިހަމަ އިންތިޒާމުތަކެއް ކޮށްފައިވާކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓު ހޯމަ ދުވަހު ފުރާފައިވާ އިރު ދެވަނަ ފުލައިޓު ފުރާފައި ވަނީ އިއްޔެއެވެ. އަދި ތިން ވަނަ ފުލައިޓު މާދަމާ ދުވަހު ފުރުމަށް ހަމަޖެހިފައިވާ އިރު އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ފުރާނެއެވެ.

ހައްޖަށް މި އަހަރު ރާއްޖެއިން ޖުމްލަ ހަތަރު ފްލައިޓު ފުރަނަ ހަމަޖެހިފައިވާ އިރު، ދެ ފްލައިޓަކީ މޯލްޑިވިއަން އިން ކުރާ ދަތުރުތަކެވެ. މި އަހަރު ހައްޖަށް 1000 ގާތްކުރާ އަދަދަށް ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ އިރު، މޯލްޑިވިއަންގެ ފްލައިޓުން 50 ޕަސެންޓް ހައްޖުވެރިން ދަތުރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.