ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތު ކުރާނެކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިން ބަޔާނެއްގައެވެ.
އުޝާމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން މެދުކެނޑުމެއް ނެތި ވަކާލާތު ކުރަމުންދާނެ ކަމަށާއި، އަންރުވާ ރޫޅާލުމަށް އިޒްރޭލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. 1967 އިން ފެށިގެން ގާއިމު ކޮށްފައި ހުންނަ އަންރުވާ އަކީ އިޒްރޭލުން ގާޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ގަސްދުގައި މަރަމުން ގެންދިއުން ހުއްޓުވޭތޯ އެހީގެ މަސައްކަތް ކުރާ އޮފީހެކެވެ.
އިޒްރޭލުން ބުނަނީ އެހީދޭ އދ ގެ އިދާރާ އަންރުވާ އަކީ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް އަރާ ދިން އުދުވާނީ ހަމަލާގައި ބައިވެރިއެއް ކަމަށެވެ. އަދި އެއީ ގާޒާގައި މިހާރުވެސް ހިނގަމުން ދާ މައްސަލަތަކުގެ ބައެއް ކަމަށާއި އަންރުވާ އަކީ ހައްލެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު ދެއްވި ބަޔާނުގައި އުޝާމް ވިދާޅުވީ މުއާހަދާތަކުން ރެކުމަށް އިޒްރޭލުން ގައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
އެއާއެކު އުޝާމް ވަނީ މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުންކަމުގައި ވިދާޅުވެފައެވެ.