ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތް ކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަންގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ.
މި ފަހުމުނާމާގައި ސޮއި ކޮށްފައި މި ވަނީ "ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025" ގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމަށް އެއްބާރުލުން ދިނުމާއި، މައުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން ހިމެނެއެވެ. ހަމައެއާއެކު ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމާއި، އަދި ދެ ފަރާތުން އިންތިޒާމު ކުރާ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.