ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާ ތިން މީހުންން ކަމަށެވެ. އެއީ ސަހަޔާ އަޖިން ފްރެންޗިސް (27އ)، ކަރުއްޕިއަހް ސުއްބައިއާ (52އ) އަދި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ.

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ 3 މީހުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ބަލާފާސްކުރުމުގެ ތެރޭގައި 3 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 30 ފުޅި އަދި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމަށް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.