އަނގަމަތި ޖަލެއް ފަދަ ތަނެއްގައި ގާޒާގެ ތައްޔިތުން ބަންދުކޮށް ކާބޯތަކެއްޗާއި އިންސާނީ އެހީ އިން މަހުރޫމް ކޮށްފައި ވާއިރު، އެއްގޮތަކަށް ވެސް އެހީ ލިބިގެން ނުވާނެ ކަމަށް ބުނެ ހަރުކަށި ވަޒީރު އިޓަމާރު ވާހަކަ ދައްކައިފިއެވެ.
އިޒްރޭލުގެ ގައުމީ ސަލާމާތާ ބެހޭ މިނިސްޓަރު އިޓަމާރު ބެން ގަވިރް ބުނީ، ގާޒާއަށް ވަންނާނެ ކަމަށާއި ކާމިޔާބީ އިއުލާން ކުރާނެ ކަމަށެވެ. އަދި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ލިބުން ހުއްޓުވަން ޖެހޭނެ ކަމަށާއި އެކަން އިތުރަށް ވަރުގަދަ ކުރަންވެސް ޖެހޭނެ ކަމަށެވެ.
ޖެރޫސަލަމް ޑޭ ފާހަގަ ކުރަން ހިފާފައި ވާ ހުޅަނގު އައްސޭރީގައި ބޭއްވި ބޮޑު ހިނގާލުމުގައި ހަރުކަށި ވަޒީރު މިވާހަކަތައް ދައްކާފައި ވާ އިރު، އިންސާނީ އެހީ އިން ގާޒާގެ ރައްޔިތުން މަހުރޫމް ކޮށް ބަނޑަށް މަރަމުން ދާތާ ކިތަންމެ ދުވަހެކެވެ.
އދ ގެ އިދާރާތަކާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ގޮތުން، ކާބޯތަކެތި ނުލިބި މިއަހަރު އެކަނިވެސް 100 އަށް ވުރެ ގިނަ ކުދިން ވަނީ މަރުވެފައެވެ. އަދި މަރުގެ ތުންފަތްމަތީގައި އިތުރު 14،000 ކުދިން ތިބި ކަމަށް ވެސް ބުނެއެވެ.
އިޒްރޭލުގެ ލާއިންސާނީ އަނިޔާ އާއި ނަސްލު ނައްތާލުމުގެ ޖަރީމާ ފުޅާކޮށް ހިންގަމުން ދާ އިރު، ގާޒާ އަށް ކާބޯތަކެތި ވައްދަން ހުންނަ ހުރިހާ ދޮރާއްޓެއް ބަންދުކޮށް އިޒްރޭލު ސިފައިން ދަނީ ފޯރި މަރަމުންނެވެ. އެއާއެކު ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާ ދީ އަންހެން ފިރިހެން ކުދިބޮޑު އެންމެން ޝަހީދު ކުރަމުން ދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 84 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
ހުޅަނގު އައްސޭރީގައި އޮތް ހިނގާލުމުގައި ހަރުކަށި ވަޒީރު އިތުރަށް ގޮވާފައި ވަނީ، ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ދީގެން ނުވާނެ ކަމަށާއި، ކުރަން ޖެހޭ ކަމަކީ އެމީހުންގެ ބޮލަށް ބަޑިޖަހާ މެރުން ކަމަށެވެ.
އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 52 ހާހަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. ހަނގުރާމަ ފެށުނު ފަހުން މިވީ މުއްދަތުގައި ކޮންމެ ދުވަހަކާއި ރެއެއް ވޭތުވެގެން ދަނީ، ގާޒާގެ ރައްޔިތުންގެ ނިދި ނަގާލަމުންނެވެ. އާރެއް ބާރެއް ނެތި ޓެންޓް ތަކުގައި ތިއްބައި އިޒްރޭލުން މިސައިލާއި ބޮން އަޅާ ނައްތާލަމުން ދަނީ އާއިލާތައް ހުރި ގޮތަށެވެ.
ގާޒާގެ ހާލަތު ގޯހުން ގޯހަށް ގޮސް، ނަސްލެއް ނެތި ހިނގައިދާނެ ކަމުގެ އިންޒާރުތައް އެކިއެކި ޖަމާއަތްތަކުން ދެމުން ގެންދާ އިރު، ސުލްހައިގެ މަގަށް ދިޔުމަށް ހަމާސް އިން މިހާރު އެއްބަސް ވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. އިޒްރޭލުގެ ބައިވެރިޔާ، އެމެރިކާ އިން އެދުނު ގޮތަށް ޝަތުރެއް ނެތި ސުލްހަ އަށް އެއްބަސް ކަމަށް، ގާޒާ ކޮންޓްރޯލް ކުރާ ހަމާސް އިން ބުނި ނަމަވެސް އެމެރިކާ އާއި އިޒްރޭލުން މިހާރު އެކަމަށް އިޖާބަ ދޭކަށް ބޭނުމެއް ނުވެއެވެ.
އިޒްރޭލުން ބުނަނީ، ގާޒާ އެކީއެކަށް ހުސްކޮށްލާނެ ކަމަށާއި، އޭގެ ފަހުގައި އެތާނގެ ކޮންޓްރޯލް އޮންނާނީ އިޒްރޭލަށް ކަމަށެވެ. އެހެން ކަމުން ފުރާނަ ސަލާމަތް ކުރަން ބޭނުން ވާ މީހަކު ހުރި ނަމަ ގާޒާ ދޫކޮށް ނިކުމެގެން ދާން ވަނީ އިންޒާރު ދީފައެވެ.