ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާޒާގައި ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ހަމަނުޖެހުންތައް އިތުރުވިޔަ ނުދީ މިހާރު ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ގާނޫނީ އަދި އަހްލާގީ ވާޖިބުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުންގެ ފުރާނަ ހިމާޔަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ. އިޒްރޭލުން ހިންގާ މި ހަމަނުޖެހުންތަކަށް ޖަވާބުދާރީ ކުރުވުމަށް ގޮވާލާ ގޮވާލުން ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.
އދ. 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ވެސް ރައީސް މުއިއްޒު ދެއްވި ތަގުރީރުގައި ވެސް ވަނީ ޔަހޫދީން ގާޒާގައި ހިންގަމުންދާ ގަތުލްއާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޔަހޫދީން ވަނީ ގާޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދު ކޮށްލާފައެވެ. މިއީ ގާޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެފައިވާ އުދުވާން ހުއްޓާލުމުގެ އެއްބަސްވުން ރޫޅުނު ފަހުން ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކެވެ.
އިޒްރޭލުން މިހާރު ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، މި ހަމަލާތަކުގައި އިއްޔެ އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައި ކަމަށާއި މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި އަދި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ސީދާ ހިލާފު އަމަލުތަކެއް ކަމަށެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އޮކްޓޯބަރު 7، 2023 ގައި ފެށި މި ހަމަލާތަކާގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 61،00 އިން މައްޗަށް ގޮސްފައެވެ. އަދި މި މުއްދަތުގައި ދީފައިވާ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު ވަނީ 120،000 އިން މައްޗަށް ގޮސްފައެވެ.