ސުލޫކީ ގަވައިދާ ހިލާފުވުމުން ބާ ކައުންސިލުން ދެ ވަކީލެއްގެ ވަކީލުކަމުގެ ހުއްދަ ހިފަހައްޓައިފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2021 ވަނަ އަހަރު، އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުން ނުވަތަ ސައްހަކަން ކަށަވަރުކުރުމުގައި، ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި އައްޔަންނުވެ ހުރި ވަކީލަކު އެހެން ވަކީލަކަށް ދޫކޮށްފައިވާ ނޯޓަރީ ސިއްކަޖެހި ކަމަށެވެ. މިކަމާ ގުޅިގެން ވަކީލު ކަމުގެ ހުއްދަ ހިފަހައްޓާފައިވާ ދެ ވަކީލުންނަކީ:

  • މެހެނާޒް ހުސައިން
  • ޒުންނަވާރު ސަލީމް

ބާ ކަައުންސިލުން ބުނީ ސައްހަކަން ކަށަވަރުކުރުމުގައި، މެހެނާޒް ހުސައިންނަށް ދޫކޮށްފައިވާ ސިއްކައިގައި ޒުންނަވާރު ސޮއިކޮށްފައިވާކަމަށާއި، ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި އައްޔަންނުވެ ހުރެ އެހެން ވަކީލަކަށް ދޫކޮށްފައިވާ ނޯޓަރީ ސިއްކަ ޖަހައި، އެ ވަކީލުގެ ސޮއި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މިފަަދަ އަމަލުތަކުގެ ސަބަބުން ނޯޓަރީގެ ހިދުމަތާމެދު އާންމުންގެ ހިތުގައި ސުވާލު އުފެދިގެން ދާނެ ކަމަށާއި، ގާނޫނީ ބޭފުޅުންނާއި ގާނޫނީ ވަކީލުންނާމެދު އޮންނަ އިތުބާރު ގެއްލިގެން ދާނެ ކަމަށްވެސް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ބާ ކައުންސިލުން ބުނީ މި މައްސަލަ އާއި ގުޅިގެން ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓީ 15 މަސް ދުވަަހަށް ކަމަށާއި، މެހެނާޒްގެ ހުއްދަ ހިފެހެއްޓީ 12 މަސް ދުވަހަށް ކަމަށެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މެހެނާޒް ހުސައިން އާއި ޒުންނަވާރު ސަލީމަކީ ދެމަފިރިންނެވެ.