މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި އެއްވެސް ބާވަތެއްގެ ދުފާތަކެތި ނުބަހައްޓަން އެ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 196 ވަނަ ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގައި ސުޕާރި، ކިއްލި، މީރު ބިލެތްފަދަ ދުފުމަށް ބޭނުން ކުރާ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަށް އެދި ކެންސާ ސޮސައިޓީއިން ވަނީ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.

އަދި މި ހުށަހެޅުމަށް ކައުންސިލްގެ ގިނަ މެންބަރުން ތާއިދު ކުރުމާއެކު ކައުންސިލުން ވަނީ އެ ކައުންސިލުން ދެން ބާއްވާ ހަފްލާތަކުގައި ދުފާތަކެތި ނުބަހައްޓަން ނިންމާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަބަދު ވެސް އެންމެ މުހިއްމު ކަމެއް ދެއްވާނީ ރައްޔިތުންގެ އުފާވެރިކަމާއި ސިއްހީ ދުޅަހެޔޮކަމާއި ހަމަޖެހުމާއި ފުދުންތެރިކަމަށް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މަންފާ ކުރާނެ ކޮންމެ ކަމަކީ އާޒިމް އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ވިދާޅުވިއެވެ.

އާޒިމްގެ މަސައްކަތުގެ އެޖެންޑާގެ އެންމެ ކުރީގައި އަބަދު ވެސް އެ ފަދަ ކަންކަން ހިމެނޭނެކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ކެންސާ ސޮސައިޓީން އެދިފައިވާ ގޮތަށް، މީގެ ފަހުން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ އެއްވެސް ހަފުލާއެއްގައި، ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބަހައްޓާނެ ކަމަށެވެ.