"ވާނުވާ ބަންދު" ގައި ތިބޭ މީހުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދޭން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގް ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުގެ މަތިން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރުމަށްފަހު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަނަމަ، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހުސްވި ހަފްތާ ތެރޭ ވަނީ އިއުލާންކޮށްފައެވެ.

ޕީޖީ އޮފީހުން އޭރު ބުނީ، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ހާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށެވެ.

އެ އެސެސްމަންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓާކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައި ވެއެވެ.

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅައިގެން ކަމަށް ޕީޖީ އޮފީހުން ބުނެފައިވާއިރު ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައިކަމަށް ވެއެވެ.

ޕީޖީ އޮފީހުން ބުނީ މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖަޢއާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު އެ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖައާކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.