އައްޑޫގައި ބުރިޖު އެޅުމުގެ ކުރިން އެ ބުރިޖުގެ މަތިން ދަތުރު ކުރާނެ ސަބަބެއް ވެސް އުފަން ކުރުވަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް އެމްޑީޕީއިން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ސޯލިހް ވިދާޅުވީ އައްޑޫ ސިޓީގެ ބްރިޖުގެ މަސައްކަތަށް އެމްޑީޕީގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް އައްޑޫ ބުރިޖު އެޅުމުގެ ކުރިން އެ އަތޮޅުގައި އިގުތިސާދީ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ އެކަން ކުރުމުގައި ތަރުތީބެއް އޮންނަޖެހޭކަމަށެވެ.

މިގޮތުން ސޯލިހް ވިދާޅުވީ ފުރަތަމަ ކުރަންވީ ކަމަކީ އައްޑޫގައި ވަޒީފާތަކެއް އުފައްދާ އެ ސިޓީގެ އިގުތިސާދީ މަސައްކަތްތަކެއް ކުރެއްވުންކަމަށެވެ. މިދިޔަ ފަސް އަހަރު ދުވަހު އެމްޑީޕީން ކުރަމުން ދިޔައީ އެ މަސައްކަތްކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފަށާފައި ހުރި މަސައްކަތްތަކަކީ އެއީ ކަމަށާ އެ ޕާޓީން ކުރި މަސައްކަތަކީ އެ ސިޓީގައި ބަޔަކަށް ދިރިއުޅެވޭނެ ގޮތް ހޯދައިދިނުންކަމަށެވެ. "ބަނދަރުތައް ހެދީ އެ ބޭނުމުގައި، ބިން ހިއްކީ އެ ބޭނުމުގައި، މަގުތައް އެ ހަދަނީ އެ ބޭނުމުގައި، އެއާޕޯޓު އެ ތަރައްގީ ކުރަނީ އެ ބޭނުމުގައި. އޭރަށްތާ އެތަނުގެ މަތިން ދަތުރު ކުރާނެ ބަޔަކު ވެސް މިތަނުގައި ތިބޭނީ" ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލިހް ވިދާޅުވީ އެމްޑީޕީގެ ޕްލޭނުގައި އޮތީ ބުރިޖު އެޅުމުގެ މަސައްކަތާ، އައްޑޫގައި އިގުތިސާދީ މުހިންމު މަސައްކަތްތައް ފެށުން އެކުގައި ކުރިއަށް ގެންދިޔުމުގެ ވިސްނުން ކަމަށެވެ. އެކަން ހާސިލު ކުރުމަށް އެމްޑީޕީއަށް ކުރިއަށް އޮތް މަޖިލީހުގެ މެޖޯރިޓީ ދެއްވުމަށް ސޯލިހު އެދިވަޑައިގަތެވެ.

އިތުރަށް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީއެންސީއަށް ވޯޓުދިނުމަކީ ހެދިފައިވާ ގޯހެއްކަން މިހާރު ރައްޔިތުންނަށް ގަބޫލުކުރެވެން ފަށައިފިކަމަށާއި އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވަނީ ހެދިފައިވާ ގޯސް ރަނގަޅު ކުރުމަށްކަމަށެވެ.