ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރަޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލހް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމި ތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ މަސްލަހަތު އަބަދު ވެސް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އެއާއެކު އެމަނިކުފާނު އެ ޕޯސްޓުގައި ވަނީ ޅެން ބައިތެއް ވެސް ހިމަނުއްވާފައެވެ.

އެ ޅެން ބައިތުގައި ވަނީ “ހުރަސްތަކާ ދިމާވެދާ އަދަދު ނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލު ކުރާށެ ހެޔޮ ހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާ މަގެއް ކޮށާން.” މިހެންނެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދުއަށް އެ އިންތިހާބު ނާކާމިޔާބުވެފައި ވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވުނީ ޓެރަރިޒަމްގެ ކުށުގައި ރައީސް ނަޝީދު ޖަލަށްލާން ކުރި ހުކުމާގުޅިގެންނެވެ.

2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވި، އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައެވެ. އެއަށްފަހު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އޭރު އެމްޑީޕީން ވަކިވި މެންބަރުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ.

އޭގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރައީސް ސޯލިހް ވަނީ އެމްޑީޕީން ވަކިވެގެން ދިޔަ މެންބަރުން އެމްޑިޕީއަށް ގުޅިވަޑައިގަތުމަށް ގޮވާލައްވާފައެވެ. އެމްޑީޕީ އުފެދިގެން އައި ގޮތް ހިއްސާ ކުރައްވާ ރައީސް ސޯލިހް ވަނީ އެމަނިކުފާނާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ މައްސަލައެއް އޮތް ނަމަވެސް އެ ކަމެއް އެއްފަރާތް ކުރައްވާފައި ގައުމު އިސްކޮށް އެމްޑީޕީއާ ގުޅި އެންމެން އެކަތިގަނޑެއް ހެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.