އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހް ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާ އިސްލާހާ އަދި ތަހުޒީބީ ހިޔާލާ އެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގެ ފަހުރުވެރި ޕާޓީ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގެ ފުރުސަތު ފަހިކޮށްދިން ޕާޓީ އަކީ އެމްޑީޕީކަމަށް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދިނުމަށް އެމްޑީޕީން 20 އަހަރު ކުރިން ފެށި މި ދަތުރު އަދި ނުނިމޭކަމަަށެވެ. "ކުރަން ހުރި ކަންކަން ބައިވަރު، ހުދުމުހުތާރު ގޮށްމުށްތަކުގެ ދަށަށް ގައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށްދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި" ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުނު އިރު، އެ ޕާޓީ ތެރޭގައި މިދިޔަ ރިޔާސީ އިންތިހާބާއި ގުޅިގެން ވަނީ ބައިބައިވުންތަކެއް އުފެދިފައެވެ. އަދި އެ ޕާޓީން ރައީސް މުހައްމަދު ނަޝީދު ވަކިވެވަޑައިގެން ސިޔާސީ މަސައްކަތްތަކާ ދުރުގައި ހުންނެވުމަށް ފަހު، ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލުމަށް ޝައުގުވެރިންފާޅުކޮށްފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑިޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ވާދަވެރިކަން އެ ޕާޓީ ތެރޭގައިވެސް އިތުރުވެފައިވާ މި ދަނޑިވަޅު ނަޝީދު ވަނީ އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.