އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި އިސް ބޭފުޅުންނަށް އެ ޕާޓީ ނުގެންދެވުނު ކަމަށާއި، ޕާޓީ ވަރުގަދަވުމުގެ ސިއްރަކީ އާންމު މެންބަރުން ޕާޓީގެ ފަހަތުގައި ތިބުން ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

'ރާއްޖެ ޓީވީ'ގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ހިންގުމަށް އެކި ފަހަރު މަތިން ލޮޅުން އައި ކަމަށެވެ.

"އެކަމަކު އެމްޑީޕީގަ އެހެން ޕާޓީތަކާ އޮތް ތަފާތަކީ، މިއަދު މި ވާހަކަ ދެއްކުން އެހާ ރަނގަޅެއް ވެސް ނޫން ކަންނޭނގެ، އެހެންނަމަވެސް އެއްވެސް ބޭފުޅަކަށް، ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި އިރުގައި ޕާޓީ ހިފައިގެނެއް ނުދެވުނު،"

"އެ ބޭފުޅަކު ވަޑައިގަންނަވަން ޖެހުނީ" އެމަނިކުފާނު ވިދާޅުވިއެވެ.

އިބޫ އިޝާރާތްކުރައްވާފައި ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި މި ފަހުން އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން އިބްރާހީމް އިސްމާއީލް އެމްޑީޕީ ދޫކުރައްވައި ސޯޝަލް ލިބެރަލް ޕާޓީ އުފެއްދެވި އުފެއްދެވުމަށާއި، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފެއްދެވި އުފެއްދެވުމަށެވެ.

އެއާ ހިލާފަށް އޭރު ދެވަނައަށް އެންމެ މެންބަރުން ގިނަ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ވަކިވެވަޑައިގަންނަވައި އަލަށް ޕާޓީ އުފައްދަވާ ބޭފުޅުން "ޕާޓީ ހިފައިގެން" ވަޑައިގެންނެވި ކަމުގައި އިބޫ ވިދާޅުވިއެވެ.

އިބޫ މި އިޝާރާތްކުރެއްވީ ޑީއާރުޕީގެ ތެރެއިން ހިޔާލު ތަފާތުވުން އުފެދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޮ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމަށާއި، ޑީއާރުޕީގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އުފެއްދެވި ޖުމްހޫރީ ޕާޓީއަށާއި، ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ފަހު ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އުފެއްދެވި އެމްޑީއޭއަށެވެ. ފާހަގަކުރެވޭ ގޮތުގައި:

  • ޑީއާރުޕީގައި މެންބަރުން ހަމަނުވުމުގެ ސަބަބުން ވަނީ އުވިފައި
  • ޕީޕީއެމްގެ ތެރެއިން އެމްއާރުއެމާއި ޕީއެންސީ އުފެދި، ޕީޕީއެމާއި އެމްއާރުއެމް ވަނީ އުވާލެވިފައި
  • ޕީޕީއެމްގެ ތެރެއިން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ވަނީ އުފެދިފައި

ޖޫން 26، 2005 ގައި ރަޖިސްޓްރީކުރި އެމްޑީޕީ މިއަދާ ހަމައަށް ވެސް އޮތުމުގެ ސިއްރަކީ އެ ޕާޓީގައި ތިބި އާންމު މެންބަރުން ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ނަޝީދާއި އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އަށް ވަޑައިގެންނެވި ގިނަ ބޭފުޅުން އަލުން އެމްޑީޕީ އާ ގުޅިވަޑައިގަތުމުން އުފާކުރައްވާ ކަމަށާއި، މިއީ އަލުން އެކުގައި މަސައްކަތްކުރައްވަން ލިބުނު ފުރުސަތެއް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.