2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަން މިރޭ އިއުލާންކޮށްފިއެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވާ ޓީމަކުން މާލޭގައި މިރޭ ބޭއްވި ކެއުމެއްގައި މިކަން އިއުލާން ކުރެއްވީ އެމަނިކުފާނާ އެންމެ ގާތުން މިހާރު މަސައްކަތް ކުރަައްވާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. މި ކެއުމުގައި ބައިވެރިވި އެމްޑީޕީ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ރައީސް ސޯލިހްގެ މި ނިންމެވުމަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވާފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ސޯލިހު ނިންމެވި އިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސް ސޯލިހް އެމްޑީޕީގެ ޓޮކެޓަށް ވާދަކުރައްވަން ނިންމެވި ކަން އިއުލާން ކޮށްފައި މި ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދި އެމްޑީޕީގެ އިސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ. އެގޮތުން ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީއަށް ސޮއި ކުރުމަށް ބާއްވާ ރަސްމިއްޔާތު މާދަމާ ރޭ ސަލްޓަން ޕާކުގައި ބާއްވަން ވަނީ ނިންމާފައެވެ.