އެމެރިކާގެ ރައީސްގެ ފަރާތްޕުޅުން ކޮންމެ އަހަރަކު ރަމަޟާން މަހު މުސްލިމުންނަށް ވައިޓްހައުސްގައި ބާއްވާ ރޯދަވީއްލުން މިފަރު ކެންސަލް ކޮށްފިއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މިފަހަރުގެ ރޯދަވީއްލުން ކެންސަލް ކުރީ ދައުވަތު ދިން މުސްލިމް މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ރޯދަވީއްލުމަށް ދާން ދެކޮޅު ހެދުމުންނެވެ. އެެމެރިކާގެ އެކިއެކި މުސްލިމް ކޮމިއުނިޓީ ތަކާއި އިމާމުންމާއި މުސްލިމް އާބާދީއަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކަށް ދައުވަތު ދީގެން ވައިޓްހައުސް ގައި ރޯދަވީއްލުން ބާއްވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.
މިފަހަރުގެ ރޯދަވީއްލުމަށް މުސްލިމް ކޮމިއުނިޓީން ތަރުހީބު ނުލިބުނު އެއް ސަބަބަކީ އިޒްރޭލުން ގާޒާއަށް އަރާ އެތައްހާސް ބަޔަކު ޝަހީދު ކޮށް މުޅުތަން ތަޅާ ސުންނާފަތި ކުރުމުގައި އެމެރިކާއިން ހިފެހެއްޓުމެއް ނެތް ތާއީދާއި ހަތިޔާރު އިޒްރޭލަށް ފޯރުކޮށް ދޭ މައްސަލައިގައި ރުޅިގަދަވެގެންނެވެ.
މި މައްސަލައިގައި އެމެރިކާގެ ތެރޭގައި އެތައް މުޒާހަރާތަކެއްވެސް ކޮށްފައި ވެއެވެ. އަދި މި ރުޅިވެރިކަމުގެ އަސަރު މިއަހަރު އޮންނަ އެގައުމުގެ ރިޔާސީ އިންތިހާބަށް ވެސް ކުރާނެ ކަމަށް މުސްލިމް ކޮމިއުނިޓީތަކާއި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ އިރު، މިހާރު ކުރިއަށްދާ ޕޮޕިއުލާ ވޯޓުގައި އެކިއެކި ސިޓީތަކުން މުސްލިމުން މިހާރުވެސް ދަނީ ބައިޑަން އަށް ނޫނޭކޭ ބުނަމުންނެވެ.
ރޯދަވީއްލަން މުސްލިމުން ވައިޓްހައުސް އަށް ނުދިޔުމުން މިހާރު ވައިޓްހައުސް އިން މަސައްކަތް ކުރަރީ އެކިއެކި ކޮމިއުނިޓީތަކަށް އަމާޒުކޮށް ތަންކޮޅެއް ކުޑަކޮށް ރޯދަވީއްލުން ބޭއްވުމަށެވެ.