އެމެރިކާގެ ރައީސްގެ އިގްތިސޯދީ އާ ސިޔާސަތުގެ ދަށުން، ވިޔަފާރި މުދަލަށް ޑިއުޓީ ބޮޑުކުރުމުގެ ލިސްޓަށް އިތުރު 14 ގައުމު ވައްދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިއެވެ.

އެމެރިކާ އާ އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަޕާނާއި ދެކުނު ކޮރެއާވެސް ހިމެނޭހެން 14 ގައުމެއްގެ ލިސްޓް ޓްރަމްޕް ވަނީ އާންމު ކުރައްވާފައެވެ. އޭގެ ތެރޭގައި މެލޭޝިއާވެސް ހިމެނެއެވެ.

ޓްރަމްޕް ވިދާޅުވަނީ، އެމެރިކާގައި އުފައްދާ މުދާ އެގައުމުތަކަށް ގެންދާ މިންވަރު ނުވަތަ އިމްޕޯޓް ކުރާ މިންވަރު އިތުރު ނުކުރާނަމަ ނުވަތަ އެމެރިކާގައި ފެކްޓަރީ ހަދާ، މުދާ އުފައްދަމުން ނުގެންދާނަމަ އޮތް ހަމަ އެކަނި ގޮތަކީ ބޮޑު ޓެރިފާ ކުރިމަތިލުން ކަމަށެވެ.

އެގޮތުން އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް ބޯ ނުލަނބާނަމަ، 25-40 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑިއުޓީ ބޮޑު ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

މި އިންޒާރުގެ އިތުރުން ޓްރަމްޕް ވަނީ، އެމެރިކާ އާ ވާދަވެރި ބްރިކްސް ޖަމާއަތުގައި ހިމެނޭ ގައުމުތަކަށް މިހާރުވެސް ބޮޑުކޮށްފައި ވާ 25 ޕަސެންޓް ގެ މައްޗަށް އިތުރު 10 ޕަސެންޓް ނަންގަވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

އޭނާ މި އިންޒާރު ދެއްވީ، ޗައިނާ، ރަޝިއާ، އިންޑިއާ، ބްރެޒީލް އަދި ދެކުނު އެފްރިކާ ފަދަ ބޮޑެތި ގައުމުތައް ހިމެނޭގޮތަށް އެކުލަވާލައިފައި އޮންނަ ބްރިކްސްގެ މަހާސިންތާއެއް ބްރެޒީލްގައި ކުރިއަށް ދާ ވަގުތެއްގައެވެ.

ޓްރަމްޕްގެ މި އިންޒާރާ ގުޅިގެން ބްރިކްސް އިން ބުނީ، ޓްރަމްޕްގެ ނިންމެވުންތަކަކީ ކަންބޮޑުވާ ނިންމެވުން ތަކެއް ނަމަވެސް މިވަގުތު ފިޔަވަޅެއް އަޅަން ބްރިކްސް އިން ނުވިސްނާ ކަމަށެވެ.

ބްރިކްސް އަކީ ނޭޓޯ ފަދައިން ދުނިޔޭގެ ދެކުނު ތަނޑިއަށް ނުވަތަ ދެކުނު ބިތަށް ހާއްސަ ޖަމާއަތެކެވެ. އެ ޖަމާއަތުގެ މެންބަރުންގެ ގޮތުގައި ތިބުމަށް ދުނިޔޭގެ އެއްވެސް ގައުމަކަށް ހުރަހެއް އަދި ނެތެވެ. ނަމަވެސް މެންބަރުން އިތުރު ކުރަމުން ދަނީ ލަސްލަހުންނެވެ. މިހާރު މެދުއިރުމަތީގެ ބައެއް ގައުމުތަކަކީ ވެސް މި ޖަމާއަތުގެ މެންބަރުންނެވެ.

ދުނިޔޭގެ އިގްތިސޯދުގެ 45 ޕަސެންޓް ހިއްސާ ކުރާ ގައުމުތައް މި ޖަމާއަތުގައި ހިމެނޭ އިރު، އެމެރިކާ އާއި ޔޫރަޕުން ދެކެނީ މި ޖަމާއަތަކީ އެ ފަރާތްތަކުގެ ސިޔާސަތުތަކަށް ގޮންޖަހާލާނެ ޖަމާއަތެއްގެ ގޮތުގައެވެ.

މި ފަހަރު ޓެރިފް ބޮޑު ކުރަން ޓްރަމްޕް ހާމަ ކުރެއްވި ލިސްޓުގައި ބަންގްލަދޭޝް، ތައިލޭންޑް ވެސް ހިމެނެއެވެ. މި ދެގައުމަކީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރާ ދެގައުމު ކަމަށް ވާއިރު، އެމެރިކާގެ މި ސިޔާސަތުގެ ސަބަބުން، ރާއްޖޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް އުފުލިގެން ދާނެއެވެ.