އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށް ސުންނާފަތި ކުރަމުން ދާން ދޫދެމުން ސުލްހައެއް ވާން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން އިޖާބަ ދީ އާނބަސް ބުނެފިއެވެ.
އެމެރިކާގެ ހުށަހެޅުމަކީ 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމާއެކު ހަމާސްގެ އަތް ދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމެވެ. އެމެރިކާ އާއި އިޒްރޭލުން ގަބޫލު ކުރާ ގޮތުގައި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން 20 މީހަކު އަދިވެސް ދިރިތިބޭނެއެވެ. ޖުމްލަ 58 މީހަކު ހަމާސްގެ އަތްދަށުގައި ވާ ކަމަށް ބުނަމުން އިޒްރޭލުން ގަބޫލު ކުރަނީ ބާކީ ތިބި މީހުން ވާނީ މަރުވެފައި ކަމަށެވެ.
އިޒްރޭލުން ގާޒާގެ އެތަން މިނަތަށް ހަމަލާ ދެމުން ގެންދައިރު، ކޮންމެ ދުވަހަކީ 100 އަށް ވުރެ ގިނަ މީހުން މަރުވާ ދުވަހެކެވެ. ބައެއް ހަމަލާތައް ހަމާސްގެ މަގާމުތަކަށް އަމާޒު ކުރާ ކަމަށް ބުނާއިރު އަނެއްބައި ހަމަލާތައް އަމާޒު ކުރަނީ ސިއްހީ ހިދުމަތްތެރިންނަށާއި، ހޮސްޕިޓަލްތަކަށާއި ނޫސްވެރިންނަށާއި، އާންމު ރައްޔިތުންނަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރުމަކީ އިޒްރޭލުގެ އަމާޒެކެވެ.
60 ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އިޒްރޭލުން ވެސް ވަނީ އާނބަސް ބުނެފައެވެ. ދެން އޮތީ، ފެށޭ ހަފްތާގައި ނަތަންޔާހޫ ވައިޓްހައުސް އަށް ގޮސް އެމެރިކާގެ ރައީސް އާ މަޝްވަރާ ކުރުމަށް ފަހު ނިންމާ ގޮތެއް އިއުލާން ކުރުމެވެ.
އެމެރިކާއިން ސުލްހައިގެ ވާހަކަ އިއުލާން ކޮށް މޫނުމަތި ރީތި ކުރަން މަސައްކަތް ކުރާ އިރު، އިޒްރޭލުން ގާޒާގެ މުސްލިމުން ޝަހީދު ކުރަމުން ދަނީ އެމެރިކާގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން މަތިން އަޅާ ބޮންތަކާއި ފޮނުވާލައި މިސައިލްތަކުގެ އިތުރުން ދޭ ޑްރޯން ހަމަލާތަކުގައި ބޭނުން ކުރާ ގިނަ ހަތިޔާރަކީ ސީދާ އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރެވެ.
ކާބޯތަކެއްޗާއި، ބޭހަށް ޖައްސާ ގާޒާގެ ރައްޔިތުން ބަނޑަށް މަރަމުން ގެންދާ އިޒްރޭލުން، ގާޒާއަށް ކާބޯތަކެތި ފޯރުކޮށްދޭ ނަމުގައި ހަދައިގެން ހިންގާ ކޭމްޕް ނުވަތަ ބަލަހައްޓާ ސަރަހައްދަކީ ވެސް މަރުގެ ދަނތުރައެކެވެ. އެތާނގައި ފޯރި މަރަން ތިބެނީ އެމެރިކާއިން ހޯދާފައި ތިބޭ ކޮންޓްރެކްޓަރުން ކަމަށް ވާއިރު، ކާބޯތަކެތި ބަލައިދާ ގާޒާގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހާ މަރަމުން ގެންދެއެވެ. މިކަން ހިފާފައި ވާ ފަލަސްތީންގެ ބިންތަކުގެ ހާލަތު ބަލައި ދެނެގަތުމަށް ކަނޑައަޅާފައި ހުންނަވާ އދ ގެ ހާއްސަ މަންދޫބު ފްރެންސިސްކާ އަލްބަނީސެ ކަށަވަރު ކޮށްދީފައި ވެއެވެ.
ކާބޯތަކެތި ބަލައި ގޮސް ތިއްބާ މިހާތަނަށް 600 އަށް ވިރެ ގިނަ މީހުން މަރާލާފައި ވާ އިރު، އދ ގެ ހާއްސަ މަންދޫބު ވިދާޅުވެފައި ވަނީ، އެމީހުންގެ ގަޔަށް ބަޑި ޖަހާ މެރުމުގައި އިޒްރޭލު ސިފައިންނާއި އެމެރިކާގެ ކޮންޓްރެކްޓަރުން ބައިވެރިވާ ކަމަށާއި ކާބޯތަކެތި ބަހަން ހަދާފައި ވާ ތަނަކީ ސީދާ މަރުގެ ދަންރުތައެއް ކަމަށެވެ. އަދި އެއީ މީގެ ކުރިން ދެކުނު އެފްރިކާގައި ހިންގި ނަސްލު ނައްތާލުމުގެ ގަތުލުއާންމަށް ފަހު ކުރިއަރާފައި ވާ ދުނިޔޭގެ ލޮލުގެ ކުރިމަތީގައި ރޯމާ ދުވާލު ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ކަމަށެވެ.
އދ ގެ ހާއްސަ މަންދޫބު ވާހަކަތަކާ ގުޅިގެން އެމެރިކާއިން ރުޅިގަދަވެ އޭނާ އެމެރިކާއިން ބޭރު ކުރުމުގެ ވިސްނުމާ ދިމާއަށް ވާހަކަތައް ވަނީ ގެންގޮސްފައެވެ.
އިޒްރޭލުގެ އަމާޒަކީ މަރައިގެން ނަމަވެސް ނުވަތަ ފައްސާ ބޭރުކޮށްގެން ނަމަވެސް މުޅި ގާޒާ އެކީއެކަށް ހުސްކޮށް އެތާނަށް އިޒްރޭލުގެ ދައުލަތް ފުޅާކުރުމަށެވެ. އިޒްރޭލުގެ ރައްޔިތުންނަށް ގެދޮރު އަޅައިދީ އާބާދު ކުރުމަށެވެ.
ގާޒާގެ އިތުރުން ހިފާފައި ވާ ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލުން ގެންދަނީ ނުބައި ޖަރީމާއެއް ހިންގަމުނެވެ. އެގޮތުން ހިފާފައި ވާ ބިންތަކުގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރު، ބުލްޑޯޒަރާއި ހައިމާކް ނުވަތަ ޑްރެޖަރުން ތަޅާ ސުންނާފަތި ކޮށް އާއިލާތައް މަގުމަތި ކުރަމުން ގެންދެއެވެ. އަދި އެންމެ ފުރަތަމަ ކްރިސްޓިއަނުން ނުވަތަ އީސާއިން ކަމަށް ބުނާ މީހުން އުޅެމުންދާ އަވަށްތަކުގައި ރޯކޮށް އެމީހުންވެސް ގެދޮރުން ނެރެ ބޭރު ކުރަމުންނެވެ.
ޔަހޫދީންގެ މި ނުބައި އަމަލުތަކަށް ހިތްވަރުދޭ ބަޔަކީ އެމެރިކާ ކަމުގައި ވުމުން، ދުނިޔޭގެ ޖަމްއިއްޔާ އދ އަށް ވެސް ކުރެވޭ އެއްވެސް ކަމެއް ނެތެވެ.
މިހާތަނަށް އިޒްރޭލުން ފަލަސްތީނުގެ 57،268 މީހުން ޝަހީދު ކޮށް 135،625 މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.