ހަމައެކަނި އެމެރިކާގެ އަތުގައި އޮންނަ އަދި މިހާތަނަށް ބޭނުން ކޮށްފައި ނުވާ ވަރުގަދަ ބޮން، އެމެރިކާއިން އީރާނަށް ވައްޓާލައިފިއެވެ.

އާންމުކޮށް ހަނގުރާމަ ތަކުގައި ބޭނުން ކުރާ ބޮންތަކަށް ގޮތެއްވެސް ހަދާ ނުލެވޭހާ ފުނުގައި އީރާނުން ހަދާފައި ވާ ފޯޑޯ ނިއުކްލިއާ ފެސިލިޓީ އަށް އެމެރިކާއިން ވައްޓާލި ބޮމަކީ، ބިމު އަޑީގައި އަދި ފުނުގައި ވަރުދަގައަށް ހަދާފައި ހުންނަ ބިންގަރާސްތައް ފުނޑުފުނޑު ކޮށްލާ ބޮމެކެވެ.

ޖުމްލަ 30،000 ޕައުންޑް ނުވަތަ 13،607 ކިލޯ ނުވަތަ 13 ޓަނުގެ ބަރުދަން ހުންނަ 6 ބޮން، އީރާނުގެ އެންމެ ވަރުގަދަ ނިއުކްލިއާ މަރުކަޒަށް ވައްޓާލި މަންޒަރު ރެކޯޑް ކޮށް އާންމު ކޮށްފައި ވާ އިރު، ބޮން ވައްޓާލުމާއެކު އެ މަރުކަޒުން ބޯ އަލިފާން ބޯޅައެއް އަރައިގެން ދިޔައެވެ. އަދި ބޮޑުސިންގާ ސަރަހައްދެއް އަނދައަނދާ އެތައްއިރަކު ހުއްޓެވެ.

ފޯޑޯ ގެ އިތުރުން ނަތާންޒް އަދި އިސްފަހާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވެސް އެމެރިކާއިން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާގައި ބޭނުން ކުރީ، ޓޮމޮހޮކް ކުރޫޒް މިސައިލެވެ. އެ ތަންތަނަށް 30 މިސައިލު ފޮނުވާލި އިރު އެ ހަމަލާ ދީފައި ވަނީ، އީރާނު ކައިރީގައި އޮތް އެމެރިކާގެ ސަބްމެރީން ތަކުންނެވެ. މީގެ ތެރެއިން ނަތާންޒް އަށް 13 ޓަނުގެ 2 ބޮން ވެސް ވައްޓާލިއެވެ.

މި 3 ނިއުކްލިއާ މަރުކަޒަށް ދެވުނު ހަމަލާ އަކީ ވަރުގަދަ އަދި ކާމިޔާބު ހަމަލާއެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރޭ ވަނީ، އިއުލާން ކުރައްވާފައެވެ. ހަމަލާ ދޭ މަންޒަރު ވަގުތުން ޓީވީ ސްކްރީނުން ބައްލަވަން އިންނެވުމަށް ފަހު ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އީރާނަށް އޮތީ ސުލްހަވުން ކަމަށާއި އެގޮތް އިހުތިޔާރު ނުކުރާނަމަ މި ދިން ހަމަލާ (ބޮން އެޅުން) އަށް ވުރެ މާ ވަރުގަދަ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، އީރާނުގެ ކޮންމެ ޓާގެޓެއް އަދި ކޮންމެ ތަނެއް އިނގިވަޑައިގަންނަވާ ކަމަށާއި މާ ފަސޭހަކަމާއެކު ހަމަލާދީ ނައްތާލާނެ ކަމަށެވެ.

އެމެރިކާ ބިޔަ ބޮން

އެމެރިކާގެ ހަމަލާއަށް މަރުހަބާ ކިޔާ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ދަނީ އުފާފާޅު ކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ފޯޑޯ އަށް މި ވައްޓާލި ބޮމަކީ، ދުނިޔޭގެ އެހެން އެއްވެސް އައްކަރިއްޔާއެއްގައި ނެތް ވަރުގެ ވަރުގަދަ ބޮމެކެވެ. މި ބޮން ވައްޓާލުމަށްޓަކައި އެމެރިކާއިން ބޭނުން ކޮށްފައި ވަނީ، ބީ2 މަރުކާގެ 6 ސްޓެލްތް އެވެ. ރާޑަރަށް ނާރާގޮތަށް ތައްޔާރު ކޮށްފައި ވާ މިއިން ކޮންމެ ބޯޓެއްގައި އީރާނަށް ވައްޓާލި ސައިޒްގެ 2 ބޮން އުފުލެއެވެ.

އީރާނުން ފަރުބަދަ ތަކެއްގެ ތެރޭގައި ހަދާފައި އޮންނަ ފޯޑޯ ނިއުކްލިއާ މަރުކަޒަކީ ބިމުގެ 200 ފޫޓު އަޑީގައި ހަދާފައިވާ މަރުކަޒެކެވެ.

މި މަރުކަޒަށް ހަމަލާ ދިނުމުން އީރާނުން ބުނެފައި ވަނީ، އީރާނުން ބޭނުންވާ ގޮތަކަށް އަދި ބޭނުންވާ ވަގުތެއްގައި އެމެރިކާގެ ކޮންމެ ތަނަކަށް ދެން ހަމަލާ ދޭނެ ކަމަށާއި، އެމެމެރިކާ އިން ހަނގުރާމަ އަށް ނުވަނުމަށް ކުރިން އިންޒާރު ދިން ކަމަށެވެ.

އަދި ބުނެފައި ވަނީ، ފޯޑޯ އަށް ދިން ހަމަލާގައި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް މުރާސިލުން ބުނަނީ އެ މަރުކަޒު ހަދާފައި ހުރި ފުން މިނާއި ބޮމުގެ ރާސްތާ އާ އަޅާ ކިޔާލުމުން އަދި ބޮން ވައްޓާލީމައި ގޮވައިގެން ދިޔަ ގޮވުންތަކަށް ބަލާ އިރު އެ މަޒުކަޒު ވާނީ ހަލާކުވެފައި ކަމަށެވެ.

މި މަރުކަޒާއި އަދި ނިއުކްލިއާ އެހެން މަރުކަޒު ތަކަކީ އީރާނު ހިންދެމިލުމަށް ކުރަމުން އަދި މަސައްކަތުގެ މުހިންމު އެއް ތަނބެވެ. އެތަންތަނުގައި އާންމު ބޭނުންތަކަށް ނިއުކްލިއާ ހަކަތަ ފައްކާ ކުރުމުގެ ހުއްދަ ދީފައި އޮންނަނީ 3.5 ޕަސެންޓާ ހަމައަށެވެ. ނަމަވެސް އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) ގެ ސީދާ ބެލުމުގެ ދަށުން، އދ ގެ ވެސް ބެލުމާއެކު އީރާނުން އެ ފެސިލިޓީތަކުގައި ނިއުކްލިއާ ހަކަތަ ފައްކާ ކުރުމުގެ ނިސްބަތް 60 ޕަސެންޓަށް މަތިއެވެ.

ކަނޑައަޅާފައި އޮންނަ ތާވަލެއްގެ ދަށުން އައިއޭއީއޭ އިން އެ މަރުކަޒުތައް ބަލައި ހަދަމުން ދާ އިރު އެންމެ ފަހުން ބެލި ބެލުމަށް ފަހު، އެ އިދާރާގެ ވެރިޔާ ދިން ބަޔާނެއްގައި އީރާނުން ހަކަތަ މުއްސަނދި ކުރަމުންދާ ގޮތަށް ބަލާއިރު ނިއުކްލިއާ ބޮމެއް ހެދިދާނެ ކަމަށް ބުނުމާއެކު، މަޝްރަހު ގޯސްވިއެވެ. އޭނާގެ އެ ވާހަކަ އެމެރިކާއިން ނެގީ، އީރާނުން ނުއުކްލިއާ ބޮމެއް ހަދަނީ ކަމަށެވެ. އަދި ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި ހަދާނެ ކަމަށް ވެސް ބުނެ ވާހަކަ ދައްކާ ހެދުމަށް ފަހު އިޒްރޭލު ލައްވާ އީރާނަށް ހަމަލާ ދޭން ފެށިއެވެ.

އިޒްރޭލުން ފޯޑޯ ފިޔަވައި އީރާނުގެ ނިއުކްލިއާ ހުރިހާ މަރުކަޒަކަށް ހަމަލާ ދިނެވެ. އަދި އާންމު ތަނަތްނާއި ހޮސްޕިޓަލްތަކާއި އުމްރާނީ އެހެނިހެން ވަސީލަތްތަކަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާ އިރު، އީރާނުންވެސް ދަނީ، މިއިން ޒަމާނެއްގައި އިޒްރޭލު ނުދެކޭވަރުގެ ބޮޑެތި ގެއްލުން ދެމުންނެވެ. ބަނދަރުތަކާއި، ކަރަންޓް ވިއުގައާއި ތެޔޮ ކާރުހާނާތައް ގޮއްވާލައިފިއެވެ. އަދި އިޒްރޭލުގެ ޖާސޫސީ އިދާރާތައްވެސް ގޮއްވާލައިފިއެވެ.

އެމެރިކާއިން އީރާނުގެ ހަނގުރާމައަށް ވަނުމުން، ދުނިޔޭގެ އެހެން ބާރުތަކުން ކަންކުރާނެ ގޮތެއް އަދި މުޅިއަކުން ސާފެއް ނުވެއެވެ.