އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ގާޒާ ފުނޑުފުނޑު ކޮށްލުމަށް ހިންގާ ޖަރީމާގައި ބަސް އަހައިގެން ތިއްބަސް މަރު، ގެއިން ނިކުމެގެން ދިޔަޔަސް މަރު އޮތް ހާލަތެއްގައި ބަނޑަށް ޖެހިގެންވެސް ގާޒާގެ ރައްޔިތުން ދަނީ މަރުވަމުންނެވެ.

މަތިން އަޅާ ބޮންތަކާއި މިސައިލް ހަމަލާތަކާއި ޑްރޯނުން ދޭ ހަމަލާތަކުގެ އިތުރުން، އެއްގަމު މަގުން ދޭ ހަމަލާތަކުގެ ޝިކާރައަކަށް ވެ ކޮންމެ ދުވަހަކު 100 އެއްހާ މީހުން މަރުވެއެވެ. ގަސްދުގައި މީހުން މަރާ ހުސްކުރުމަށް ޔަހޫދީން ހިންގާ މި ނުބައި ޖަރީމާއަށް އިތުރު ވެގެން ދާ ކަމަކީ ކާބޯތަކެތި ހޯދަން ދާ މީހުންގެ ގަޔަށް ގަސްދުގައި ބަޑިޖަހާ މެރުމެވެ.

އދ އާއި އެހީގެ ތަކެތި ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނަނީ އިޒްރޭލާއި އެމެރިކާގެ ބެލުމުގެ ދަށުން ޕްރިވެޓް ކޮންޓްރެކްޓަރުން ލައިގެން ހިންގަމުން ގެންދާ، ކާބޯތަކެތި ބަހާ މަރުކަޒަކީ، ސީދާ މީހުންގެ ބޮލަށް، ގަޔަސް ބަޑިޖަހާ މަރަން ތައްޔާރު ކޮށްފައި ވާ ތަނެއް ކަމަށެވެ.

ކޮންމެ ދުވަހަކު 2-3 ކިލޯމީޓަރަށް ފައިމަގުގައި ހިނގާފައި ރައްޔިތުން ދާން މަޖުބޫރުކޮށް، މަރުކަޒު ބަލަހައްޓާ މީހުން ތިބެނީ، އެ މަރުކަޒު ދޮށަށް މީހުން އެއްވާ ވަގުތަށް ތައްޔާރުވެގެންނެވެ. އެއްފަހަރާ އެތައްހާސް ބަޔަކު އެ މަރުކަޒު ދޮށަށް ޖަމާވާއިރު ސީދާ މީހާއަށް އަމާޒުކޮށް ބަޑިން ހަމަލާ ދީ މަރާ ވައްޓާލައެވެ.

ހުސްވި މެއިމަހުގެ 23 އިން ފެށިގެން މިހާތަނަށް ޖުމްލަ 700 މީހަކު މަރާލައިފައި ވާ އިރު އެ އެންމެންނަކީ ވެސް ކާބޯތަކެތި ހޯދަން ދިޔަ މީހުންނެވެ.

ގާޒާގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސާ މަރަމުން ގެންދާ އިރު، ކާއެތިކޮޅެއް ލިބޭތޯ ދަތުރު ކުރާ މީހުން ބުނަނީ، 'އެވެސް މަރު މިވެސް މަރު' ކަމަށެވެ. އެހެން ކަމުން ކާއެތިކޮޅެއް ލިބޭތޯ ދިޔުން ނޫންގޮތެއް ނެތް ކަމަށާއި ކާއެތިކޮޅު ހޯދަން ނިކުންނަނީ އަނބިދަރިންނާ ﷲ އާ ވަކީލު ކޮށްފައި ކަމަށެވެ.

ކާއެތިކޮޅެއް ލިބޭތޯ ދަތުރު ކުރާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. ކޮންމެ ދުވަހަކު އެ ދަތުރު ކުރާއިރު ބައެއް ދުވަސް ދުވަހަކީ، އެ މަރުކަޒު އެއްގޮތަކަށް ވެސް ނުހުޅުވާ ދުވަސްތަކެވެ. އަނެއްބައި ދުވަސް ދުވަހު 7 މިނެޓަށް ހުޅުވާލާފައި ބަންދު ކުރާ ކަމަށާއި، އެހެން ބައެއް ދުވަސް ދުވަހު ދުވަހުގެ ދެބައިކުޅަ އެއްބައިގައި ހުޅުވާފައި ބަހައްޓާކަމަށެވެ.

ގާޒާގެ ހާލަތު އެންމެ ގާތުން ކަވަރު ކުރަމުންދާ އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައި ވާ ގޮތުގައި، އެމީހުން އެ މަރުކަޒު ހުޅުވައި ލެއްޕުމުގައި ވަކި ހަމައެއް އަދި އުސޫލެއް ނުގެންގުޅެއެވެ.