ވްލަޑިމިއާ ޕޫޓިން ޔޫކްރެއިންއަށް އަރައިގަތް ފަހުން ހަންގޭރީއަކީ ހުޅަނގުގެ ރައްދުގައި އެންމެ ކުޑަކޮށް އެއްބާރުލުން ދޭ ގައުމެވެ. ބޮޑުވަޒީރު ވިކްޓާ އޮރްބާން ވަނީ އީޔޫއާ ގުޅިވަޑައިގަތުމަށް ކީވް ގެ މަޝްވަރާތައް ލަސްކުރައްވައި، އެހީގެ އެއްބަސްވުންތައް ހެދުމުގައި މަޑުޖައްސަވާ، ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިން އަށް ކާމިޔާބު ހޯދޭނެތޯ ސުވާލު އުފައްދަވާފައެވެ.

ހުޅަނގުގެ އޮފިޝަލުން ބޭނުންވަނީ ޔޫކްރޭނަށް ޔޫރަޕިއަން ޔޫނިއަނުން ދޭން އުޅޭ 50 ބިލިއަން ޔޫރޯގެ ސަޕޯޓް ޕެކޭޖް ހަންގޭރީން ހުއްޓުވުން ނައްތާލެވޭތެނޯ ސާފުކުރުމަށެވެ. މި ސަޕޯޓް ޕެކޭޖް ފުރަތަމަ ފާސްކުރަން ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޮރްބާން އޭރު ވިދާޅުވެފައިވަނީ އީޔޫގެ ބަޖެޓުން ލިބޭ ފައިސާ ބްލޮކްގެ ބޭރުން ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާތީ އެ ފައިސާ ހުއްޓުވީ ކަމަށެވެ.

އޮރްބާންއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާގެ އިއުތިރާޒުތަކަކީ އީޔޫގެ ގާނޫނުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ހަންގޭރީއަށް އެއް ބަޖެޓަކުން ބްރަސަލްސް އިން ފައިސާ ހިފެހެއްޓުމާ ގުޅުން ހުރި އިއުތިރާޒެއް ކަމަށް ވެދާނެ ކަމަށެވެ. މި ޝަރުތުތަކަކީ ބްލޮކްގެ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ އަސާސްތަކެވެ. އޮރްބާން އާއި އޭނާގެ ސަރުކާރުން ގެންދަވަނީ މި ދެ މައްސަލައާ އެއްވެސް ގުޅުމެއް ނުވަތަ އީޔޫގެ ގަވައިދާ ހިލާފަށް އެއްވެސް ގުޅުމެއް ނެތް ކަމަށް ދެކޮޅު ހައްދަވަމުންނެވެ.

ނަމަވެސް ހަމަ އެ ފާޑުކިޔުންތެރިން ވެސް ފާހަގަކުރާ ގޮތުގައި އޮރްބާން އަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ހުޅަނގުގެ ގިނަ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އޮރްބާން އެ ގުޅުމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީ ކްރެމްލިން ސްޓޫޖެއްގެ ރޯލު ކުޅެގެން ޔޫރަޕްގެ އެކުވެރިންނަށް ޖެއްސުން ކުރުމުގެ ބޭނުމުގައެވެ. އަދި އެހެން ދާއިރާތަކުން ލުއިދިނުމުގެ ބަދަލުގައި ޔޫރަޕްގެ ގިނަ ގައުމުތަކުން އިސްކަންދޭ ޔޫކްރެއިންއަށް ތާއީދު ކުރުމާ މެދު ހަރުކަށި ފިޔަވަޅު އެޅުމެވެ.

ޖުލައި 11، 2018- ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯރްބާން، ނޭޓޯގެ ސަމިޓަކަށް ވަޑައިގަތުމުން، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާގް މަރުހަބާ ދަންނަވަނީ

ހަންގޭރީ އަކީ އީޔޫ އާއި ނޭޓޯގައި ބައިވެރިވާ ގައުމުތަކުގެ ނުތަނަވަސް ބައިވެރިއަކަށް ވަމުން އަންނަކަން އެންމެންނަށް ވެސް އެނގެއެވެ. ފާއިތުވި އަހަރުތަކުގައި އޮރްބާން ވަނީ ޔޫރަޕްގެ ގައުމުތަކާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގުތަކާއި، ބިދޭސީންގެ ހައްގުތަކާއި ޝަރުއީ ދާއިރާ އަށް އުނިކަން އަންނަ ފަދަ އަމަލުތަކާ ގުޅޭ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާފައެވެ.

އޮރްބާން ވަނީ ގިނަ ފަހަރަށް އީޔޫގެ ގަވައިދުތައް ހައްދުފަހަނައަޅައި ގޮސް ބްރަސަލްސްއާ ކުރިމަތިލުންތައް ހިންގާފައެވެ. އެތައް ފަހަރަކު އޭނާ ވަނީ ކާމިޔާބުކަމާއެކު ލުއިތަކެއް ހޯއްދަވައި، ނުވަތަ އަމިއްލަ މަސްލަހަތަށް ފައިދާހުރި އެއްބަސްވުންތަކެއް ހައްދަވާފައެވެ.

ނަމަވެސް ޔޫކްރެއިންގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ހަންގޭރީ އާއި ހުޅަނގުގެ ބައިވެރިންނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އަލިކަން ވަނީ ލިބިފައެވެ.

ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވަންދެން ހަންގޭރީ އަކީ ޔޫކްރެއިނަށް އެހީވުމަށް ޔޫރަޕާއި އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް މާޔޫސްކަން އުފައްދަމުން އަންނަ ގައުމެކެވެ. ރަޝިޔާއާ ދެކޮޅަށް އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮރްބާން ވަނީ މަޑުޖައްސަވައި، ކީވް އީޔޫއާ ގުޅިވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ހުރަސް އެޅުމުގެ ދައުރެއް އަދާކުރައްވާފައެވެ.

ނޭޓޯއާ ގުޅެން ކީވް ކުރި މަސައްކަތަށް އޮރްބާން ވަނީ ދެކޮޅު ހެދުމުގެ އިތުރުން ފިންލޭންޑާއި ސްވިޑަން ވެސް އެ ކޯލިޝަނާ ގުޅުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށް ވެފައެވެ. ޑިފެންސިވް އެލަޔަންސް ފުޅާކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ޕޫޓިން ދެކެވަޑައިގަންނަވާ ކަމަށް ބެލުމެއް ނެތި ސްކޭންޑިނޭވިއަން ގައުމުތަކުން ނޭޓޯއާ ގުޅިވަޑައިގަތުމާ ދެކޮޅު ހެއްދެވުން މާނަ ކުރުމަކީ ގޮންޖެހުންބޮޑު ކަމެކެވެ.

އެންމެ ފަހުން އޮރްބާން ވަނީ އޭނާގެ އިއުތިރާޒުތައް އަނބުރާ ގެންގޮސް، ފިންލޭންޑަށް ނޭޓޯގައި ބައިވެރިވުމުގެ ހުއްދަ މިދިޔަ އަހަރު ދީފައެވެ. ނަމަވެސް ތުރުކީގެ ޕާލަމެންޓުން ދާދި ފަހުން ނެގި ވޯޓަށް ފަހު ސްވިޑެންގެ ބިޑަށް ރުހުން ދިނުމަށް އޮތް އެންމެ ފަހު ހުރަހަކީ އޭނާއެވެ. ތުރުކީގެ ވޯޓަށް ފަހު އޮރްބާން ވިދާޅުވީ ހަންގޭރީއިން ހަގީގަތުގައި ސްވިޑަންގެ ނޭޓޯގެ ބިޑަށް ތާއީދުކުރާ ކަމަށާއި ނަމަވެސް ހަންގޭރީގެ ޕާލަމެންޓުގައި އެފަދަ ތަސްދީގުއެއް އަންނާނެ ދުވަހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.

ޔޫރަޕުން ޔޫކްރެއިނަށް ދޭ 50 ބިލިއަން ޔޫރޯގެ އެހީ އަންލޮކް ކުރުމަކީ މިހާތަނަށް އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ، މި ޕެކޭޖް ފާސްކުރުމުގައި އިތުރު ފިޔަވަޅެއް އެޅުމަށް އީޔޫގެ ލީޑަރުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އަނެއްކާވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާތީއެވެ. ހުޅަނގުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި ހަންގޭރީގެ ވީޓޯ އުވާލަން ވިސްނައިދެވިދާނެ ކަންކަމާ މެދު ފަރުދާގެ ފުރަގަހުގައި ކުޑަ ކުޑަ އިޝާރާތެއް ވެސް ލިބުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލެވޭނެއެވެ.

އެހެންނަމަވެސް، ގިނަ އޮފިޝަލުން ކަންބޮޑުވަނީ ހަންގޭރީގެ ފަހުގެ ހުރަސްތަކަކީ ފެށުން ކަމަށް ބުނެ، ކުރިއަށް އޮތް ތަނުގައި ހުޅަނގުން ޔޫކްރެއިނަށް ދޭ އެހީތެރިކަމަށް ހުރަސް އެޅިދާނެ ކަމަށް އޮރްބާންގެ ފަރާތުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭތީއެވެ.

ފެބްރުއަރީ 17، 2015- ހަންގޭރީގެ ބުޑަޕެސްޓްގައި ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އޯރްބާން ވާހަކަ ދައްކަވަނީ

ބައެއް އޮޕްޓިމިސްޓުން، ހާއްސަކޮށް ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި އޮރްބާން ވަނީ ކުރިން އަޅާފައިވާ އީޔޫ އާއި ނޭޓޯގެ ހުރިހާ ފިޔަވަޅަކަށް ތާއީދު ކުރައްވާފައެވެ. ޔޫރަޕްގެ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޕަބްލިކް މެސެޖިން ނެގެޓިވް ކަމަށް ހީވިޔަސް ފަރުދާގެ ފުރަގަހުގައި އޮތް އެއްބާރުލުމަކީ އެހާ ބޮޑު މައްސަލައެއް ނޫނެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ހަންގޭރީއަކީ ޔޫރަޕްގެ އެހެން ގައުމުތަކަށް ވުރެ ރަޝިއާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި ސިޔާސީ ގޮތުން އޮރްބާން އަކީ ނޭޓޯގެ ހަރުފައެއް ނޫން ކަމުގެ އިޝާރާތެއް އެގައުމުގައާއި މޮސްކޯގައި ތިބި އޭނާގެ އޯޑިއަންސަށް ދޭން ޖެހޭ ކަމަށެވެ.

ނަމަވެސް ބައެއް އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އޮރްބާން ޕުޓިންއާ އެކު އޮންނަ ގުޅުމުގެ ނާޖާއިޒު ފައިދާ ނަގަނީ އީޔޫ އާއި ނޭޓޯގެ އެއްބައިވަންތަ ކަމުގެ ގުޅުމަށް ހުރަސް އަޅައި، އެ ދެ ގައުމު ދެމެދުގައި ނުތަނަވަސްކަން އުފެއްދުމަށެވެ. އޮރްބާން އެންމެ ފަހުން ގިނަ ކަންކަމަށް އެއްބަސްވި ނަމަވެސް އޭނާގެ އަމަލުތަކުން ހުޅަނގު މުޅިން އެކަތިގަނޑަކަށް ނުވާ ކަމުގެ ވިސްނުން އުފެދޭ ކަމަށް އެ މީހުން ބުނެއެވެ.

ހުޅަނގުގެ އޮފިޝަލުން ކްރެމްލިންއާ އެކު އިންފޮމޭޝަން ހަނގުރާމައެއްގައި އުޅޭތަން ވަރަށް ބޮޑަށް ފެނެއެވެ. އެއްބައިވަންތަކަން ނިގުޅައިގެން ދިއުމުގެ ގޮތުގައި ސިފަކުރާ ކޮންމެ ކަމަކީ ހުޅަނގަށް ގެއްލުންހުރި ކަމެއް ކަމަށް ބެލެވޭއިރު، އެއީ ޕޫޓިންއަށް ފައިދާހުރި ކަމެއްގެ ގޮތުގައި ބެލެވެއެވެ. މިއީ މާ ބޮޑަށް ފަސޭހަ ކަމެއް ކަމަށް ހީވިޔަސް، ގިނަ އޮފިޝަލުންނާއި ޑިޕްލޮމެޓުން ކަންކަން ދެކެނީ މިގޮތަށެވެ.

ބްރަސަލްސް: ޑިސެމްބަރު 14، 2023- އީޔޫ-ވެސްޓަން ބަލްކަންސް ސަމިޓަށް ޔޫރަޕްގެ މައި މަރުކަޒަށް ވަޑައިގަތުމަށްފަހު އޯރްބާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ހަންގޭރީގެ މައްސަލަ އަކީ އެ ހަގީގަތުގެ ސަބަބުން ވަރަށް ބޮޑު މައްސަލައެކެވެ. ހަންގޭރީއަކީ އީޔޫ އާއި ނޭޓޯގެ ތެރެއިން ސާފު މަންފާ ލިބޭ ގައުމެއް ކަމުގައިވީ ނަމަވެސް، ހުޅަނގަށް އޭނާގެ ތާއީދަކީ ކިހާ އަގުހުރި އެހީއެއްކަން އޮރްބާން އަށް އެނގެއެވެ.

އަދި އެހުރިހާ ކަމަކަށްވުރެ ބޮޑަށް، އޭނާއާއި މި މުއައްސަސާތަކުގެ މެދުގައި ހިޔާލުތަފާތުވުމުގެ ކުޑަވެސް އިޝާރާތެއް ޕުޓިންއަށް މުހިންމުކަންވެސް އޭނާއަށް އެނގެއެވެ. އެކަމުގެ ހެއްކަކަށް ހަމައެކަނި ބަލަން ޖެހޭނީ ރަޝިޔާގެ ދައުލަތުގެ މީޑިއާއިން އޮރްބާން އޭނާގެ ބައިވެރިންނާ އެކު ހިންގަމުން ދިޔަ ކަވަރޭޖަށެވެ.

މި ދެ ސަބަބަށްޓަކައި ވެސް އޮރްބާން އަށް ލުއިތައް ލިބޭނެ ގޮތަކީ މިއީ ކަން ތާރީހުން ދަސްކޮށްދީފައިވާތީ ވީހާވެސް ގިނަ ދުވަހު ހަރުކަށިކޮށް ތިބުމަކީ ސިޔާސީ މާނައެއް އޮތް ކަމެކެވެ.

މިއިން އެއްވެސް ކަމަކުން ޔޫކްރޭނަށް އެއްވެސް ފައިދާއެއް ނުކުރެއެވެ. ހަނގުރާމަ އަންނަ މަހު ތިން ވަނަ އަހަރަށް ދާއިރު، ޔޫކްރެއިންގެ ރައްޔިތުންނަށް ހުޅަނގުގެ ފަރާތުން، ހާއްސަކޮށް އެމެރިކާގެ ރިޔާސީ އިންތިހާބީ އަހަރެއްގައި އެމީހުންނަށް ލިބޭނީ ކޮން ތާއީދެއްކަން ކުރިން ސާފުކުރަން ޖެހެއެވެ.

ހިތާމައަކީ ޔޫރަޕްގެ ގިނަ އޮފިޝަލުން އުންމީދު ކުރަނީ ކުރިއަށް އޮތް މަސްތަކުގައި މިފަދަ ސިޔާސީ ޑްރާމާތައް ފެންނާނެ ކަމަށެވެ. ހާލަތު އިތުރަށް ހަލަބޮލިވަމުން ދާވަރަކަށް އޮރްބާން އަށް ނުތަނަވަސްކަން އުފައްދައި ސިޔާސީ ގޮތުން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ.