ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެނަބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިތުރުފުޅު ހެއްދެވި ކަމަށް ފާހަގަކޮށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިއެވެ.
މިނިސްޓަރު ހަލީލްއާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ވެއްދީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިއްޔެގެ ވަގުތެއްގައެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގައި "އިންޑިއާ އައުޓް" ޓީޝާޓެއް ލައްވައިގެން ހަލީލް އެ ދުވަސްވަރު ހުންނެވިންތޯ ސުވާލު ކުރައްވާފައެވެ.
ޖަވާބުގައި ހަލީލް ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ، ސޯޝަލް މީޑިއާގެ އެއްވެސް ފޮޓޯއަކުން އޭނާ އެ ގޮތަށް ނުފެންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައްވައިގެން އޭނާ ހުންނަވަނިކޮށް ފެނިފައި އޮވެދާނެ ކަމަށެވެ.
ހަލީލްއާ ދެކޮޅަށް މީކާއިލް މަޖިލިހަށް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގެ ލިޔުމުގައި ވަނީ މާސްކެއް އަޅުއްވައިގެން "އިންޑިއާ އައުޓް" ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލް ހުންނެވި ފޮޓޯއެއް ހިމަނުއްވާފައެވެ. މީކާއިލްގެ ހުށަހެޅުމުގައި ވިދާޅުވެފައި ވަނީ އެއީ ކޮވިޑްގެ ދުވަސްވަރުގެ ފޮޓޯއެއް ކަމަށާއި މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ހަލީލް ވަނީ އިތުރުފުޅު ހައްދަވާފައި ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން އިސްވެ "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގިއެވެ. އެ ކެމްޕެއިންގައި މި ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.