ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އައްޔަންފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ފަރާތުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި އިންނެވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އެކޮމިޓީއަށް އަޒާން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންގެ ބަދަލުގައި އެކޮމިޓީއަށް އަޒާން އައްޔަން ކޮށްފައި ވާކަމަށް ވެސް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.
އަޒާން މީގެ ކުރިން ވެސް ވަނީ 241 ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގައި މަސައްކަތް ކުރައްވާފައެވެ.
ކޮމިޓީތަކުގައި ތިއްބަވާނެ މެންބަރުން ކަނޑައަޅަނީ މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުން ކަމުގައިވާއިރު މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދައުލަތުގެ އިދާރާތަކުން ކުރާ އެކިއެކި ހަރަދަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ހަރަދުތަކެއްތޯ ބެލުމާއި، މަޖިލީހުން ފާސްކުރާ ފައިސާގެ އަދަދުތައް ހޭދަކުރެވިގެން ނުވަތަ ހަރަދުކުރެވިގެން ދަނީ އެކަން ކަމަށްތޯ ބެލުމެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަކީ، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނޫއަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނައިގެން އުފައްދާފައިވާ ކޮމިޓީއެކެވެ.