މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަގްސަދުގައި ހުށަހެޅި ބިލެއް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އަބްދުލްހަންނާން ވަނީ، އެ ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުން ވެސް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އަބްދުލްހަންނާން ވިދާޅުވީ، ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅިން ވެސް ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުން ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިހާބުވާ ނޫސްވެރީންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ކޮމިޝަންގައި ހިމެނޭ 7 މެންބަރުން ކުރެ 4 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެ ކަމަށާއި ތެދު ހަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށް ދީފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ 4 ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައި ދީފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ހަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާ ކަމަށް ބުނެ ފާޑުކިޔަމުން ދާތީ، އެކަމަށް ހައްލު ހޯދައިދީ، މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ހަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލާ ގުޅޭ ގޮތުން ހަންނާން މިހެން ވިދާޅުވެފައިވާ އިރު، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސީއޭޝަނުން ވަނީ މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާފައެވެ.