އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް "ރީ-އެމްޕްލޯއިމަންޓްގެ ބިލު"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދިނުމެވެ. އަދި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކޮށްފައިވާ މި ބިލުގައިވަނީ މި އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާއި ދެމިތިބުމަށް އެދޭ މީހުންނަށް ކަމަށެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ހައްގުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރަ އާއި އިނާޔަތްތައް ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއް ގޮތަށް ކަނޑައަޅަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން ނުލިބޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި ބިލުގައިވަނީ އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަމަ މަސް ދުވަސްކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްނަމަ ގާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައެވެ.
އިތުރަށް ބިލުގައި ވަނީ ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމެއްވެސް ހަމަޖައްސައިދެވިދާނެ ކަަމަށާއި ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.