ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލައި ގޮތަށް ނޫސްވެރިކމަުގެ މިނިވަންކަން ނަގާލާ ގޮތަސް މިއަދު މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލައި މަޖިލީހުގެ ދައުރުވެސް މިއަދު ނިންމާލައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅި އިރު މަޖިލީހަށް ބައެއް ނޫސްވެރިން ވަދެ ވަނީ އިހުތިޖާޖު ކޮށްފައެވެ. އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން މަޖިލިސް ތެރޭގައި ތިބީ އަތުން އަނގަމަތި ނިވާކޮށްގެންނެވެ.
މިއަދު ހުށަހެޅި ބިލުގެ ބަހުސް ވަކި ހިސާބަކަށް ދިޔަ ފަހުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ ބިލުގެ ބަހުސް މިއަދަށް ނިންމާލީ ކަމަށް ވިދާޅުވެފައެވެ. ބިލަށް ބަހުސް ކުރަން ގިނަ މެންބަރުން އެދޭ އިރު، އެ ބިލު ދިރާސާކުރަން ގިނަ މެންބަރުން އެދޭ ކަމަށް ވެސް އަބދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އެއަށް ފަހު އަބްދުއްރަހީމް ވަނީ، މިއަދު ކުރިއަށް ގެންދިޔައީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އިއުލާން ކުރައްވާފައެވެ.
މީޑިއާތައް ކޮންޓްރޯލް ކުރެވޭގޮތަށް މީގެ ކުރިން ވެސް ބިލެއް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގައި ބ. ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިފަހަރު ހުށަހެޅުއްވި ބިލުގައި މީޑިއާތައް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ނޫސްވެރިން 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި ލައިސަންސާއި ރަޖިސްޓްރީ ހިފެހެއްޓުމާއި ބާތިލް ކުރުމުގެ އިތުރުން، ދެ މުއައްސަސާ އެއްކޮށްލައި ހަދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން އެހެން ގާނޫނަކުން މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރުވެސް ދީފައި ވެއެވެ.
އެގޮތުން ހުށަހެޅި ބިލުގެ 73 ވަނަ މާއްދާގައި ބުނަނީ، ކޮމިޝަނުން ބަލާ މައްސަލައެއް އެހެން ގާނޫނަކުން ބެލުމަށް ކޮމިޝަނަށް ބާރު ލިބޭ ކަމަށާއި އެގޮތުން މައްސަލައ ބަލައި ތަހުގީގުކޮށް އެ ގާނޫނެއްގެ ދަށުން ފިޔަވަޅުވެސް އެޅިދާނެ ކަމަށެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މިއީ އެހެން ގާނޫނަކުން މައްސަލަ ބަލާއިރު ކޮމިޝަންގެ ގާނޫނުގައި ބުނާ ފިޔަވަޅު އެ މީޑިއާއަކަށް ނުވަތަ ނޫސްވެރިއެއްގެ މައްޗަށް ނުވަތަ އެ މީޑިއާއެއްގައި މަސައްކަތް ކުރާ ފަރާތެއްގެ މައްޗަށް އެޅުމަށް އޮތް ހުރަހެއް ނޫނެވެ. އަލަށް އުފައްދާ ކޮމިޝަން އެކުލަވާލަން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި 3 މެންބަރުންނާއި މީޑިއާތަކުން ތަމްސީލު ކުރާ 4 މެންބަރުން ހިމެނޭހެން ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ.