މިނިސްޓަރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިންނާއެކު ދަތުރުފުޅުތައް ކުރައްވަނީ ހުރިހާ މައްސަލަތަކަށް އެއް ބައްދަލުވުމެއްގެ ތެރެއިން ހައްލު ހޯދުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އއ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެެއަތޮޅު ހިމަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ސަރުކާރުގެ ޓީމުތަކާއެކު ދަތުރުތައް ކުރައްވަމުން ގެންދަވާތީ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މީގެކުރިން އަމަލުކުރަން ގޮސްފައި ވަނީ "ދިގުލައިގެންދާ ދިއުޅިދިގު، އިންއެފިޝިއެންޓް" ނިޒާމަކަށް ކަމަށެވެ.
އެގޮތުން މީގެކުރިން ކަމަކަށް ހައްލު ބޭނުންވާނަމަ ނުވަތަ ކަމެއްކޮށްދިނުމަށް އެދި ވަކި ވަކި މުއައްސަސާތަކުން ނުވަތަ ކައުންސިލުތަކުން ދާންޖެހެނީ މާލެ ކަމަށާއި މީގެކުރިން މައްސަލަތަކަށް ހައްލު ލިބެނީ އެގޮތަށް މާލެއަށް ކުރާ އެތައް ދަތުރުތަކަކާއި އެތައް ބައްދަލުވުންތަކަކަށްފަހުގައި ކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން އަމަލުކުރަމުންދާ ގޮތަކީ ހުރިހާ މުއައްސަސާއަކުން ކަންބޮޑުވުންތައް ހުށަހެޅުމަށް ފުރުސަތު އެއް ބައްދަލުވުމެއްގައި ދިނުން ކަމަށެވެ. އަދި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ކައުންސިލްތަކާއި މުއައްސަަސާތަކާއެކު އެއް ބައްދަލުވުމެއްގައި ބައްދަލުކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުވައި އެކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރެވިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތަށް ކުރިއަށް ގެންދިއުމުން "އެފިޝިއަންޓުކޮށް" ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަންކަން ނިމިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޓީބިޓީގެ ޖަވާބުތައް ލަސްވެ، ކަންކަން ނުވެދާ ދިއުމަށް ހައްލު ލިބިގެންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.