ސޫދާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ވާދް މަދާނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ދަށަށް ވެއްޓުނު އިރު، އަފްނާން ހިންދު އާއި އޭނާގެ އާއިލާ ފިލައިގެން ދިޔައީ ގާތް ތިމާގެ މީހުންނާއެކު މަޑުކުރުމަށެވެ. އެކަމަކު ޕެރަމިލިޓަރީ ގްރޫޕުން ވަނީ އެތަނަށް އައިސް މީހުން ނުކުމެގެން ދިއުމަށް ހުރަސް އަޅާފައެވެ.
ހިންދު އާއި އޭނާގެ އާއިލާ ތާށިކޮށްފައި ތިބި ގްރޫޕަކީ އާންމުން މަރާ، އަންހެނުންނާއި އަންހެން ކުދިން ރޭޕްކޮށް، ރައްޔިތުންގެ މުއްސަނދިކަން ފޭރިގަންނަ ޖަމާއަތެކެވެ. އޭގެ ދުވަސްތަކެއް ފަހުން އާރްއެސްއެފްގެ ހަނގުރާމަވެރިން އެމީހުންގެ އެޕާޓްމަންޓަށް ވަދެ ބޭރުގައި ޕާކުކޮށްފައި އޮތް ކާރެއް ވަގަށް ނެގި ކަމަށް ހިންދު ބުންޏެވެ.
"ބޮޑުބޭބެ އެމީހުންނަށް ތަޅުދަނޑި ދިނީ އެއްވެސް ދެކޮޅު ހެދުމެއް ނެތި. ގޭގައި ތިބި އަންހެން ކުދިންނާ މެދު ވިސްނާފައި ބިރުން." ހިންދް، 21، ކިޔައިދިނެވެ.
އާންމުންނާއި އދ.ގެ އެޖެންސީތަކާއި ލޯކަލް މޮނިޓަރުން ބުނާ ގޮތުގައި އާރްއެސްއެފް އިން ދަނީ ގެޒީރާ ސްޓޭޓްގެ އަވަށްތަކާއި ސިޓީތަކުން މީހުން ނުކުމެގެން ދިއުމަށް ހުރަސް އަޅަމުންނެވެ. ގެޒީރާއަކީ ސޫދާނުގެ އެހެން ހިސާބުތަކަށް ޕާންފަދަ ތަކެތި ތައްޔާރުކުރާ މައި ތަނަށް ވާއިރު، މިއީ މިދިޔަ އޭޕްރީލް މަހު ފެށި ހަނގުރާމައިގެ ކުރިން ސޫދާނުގެ ވެރިރަށް ހަރްތޫމުން ބަދަލުވި އެތައް ލައްކަ ބަޔަކު ދިރިއުޅެމުން ދިޔަ ތަނެކެވެ.
ޕެރަމިލިޓަރީން ގެޒީރާއަށް ހަމަލާ ދިން އިރު، ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުން ފިލައިގެން ދިޔައީ އަސްކަރިއްޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށެވެ.
ގެޒީރާގައި ތާށިވެފައި ތިބި މީހުން ބުނި ގޮތުގައި އާރްއެސްއެފް އިން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި އަންހެން ކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި، ގެއިން ބޭރަށް ނުކުތުމަށް ދެކޮޅު ހެދުމުން މީހުން މެރުން ހިމެނެއެވެ. އާރްއެސްއެފް އިން ފުރުސަތު ދިން ނަމަވެސް ގިނަ ބަޔަކަށް ސަލާމަތްވެވޭނެ ގޮތެއް ނެތެވެ.
"އާރްއެސްއެފް އަހަރެމެންގެ ރަށަށް އައިސް ހުރިހާ މާރުކޭޓަކާއި ހުރިހާ ކާރެއް ފޭރިގެންފި. ކާއެއްޗެހި ލިބޭނެ ގޮތެއް ވެސް އަދި މިތަން ދޫކޮށް ނުކުމެގެން ދާނެ ގޮތެއް ވެސް ނެތް." ހިންދު ބުންޏެވެ.
"ނުކުންނާނެ ގޮތެއް ނެތް"
އާރްއެސްއެފް ގެޒީރާއަށް ވަތްތާ ހަތަރު ދުވަސް ފަހުން މުހައްމަދު އަހްމަދު އާއި އޭނާގެ އާއިލާއިން ތިބީ ފިލަން ތައްޔާރުވެގެންނެވެ. އެމީހުން ބޭނުންވީ ދެކުނުން ކައިރި ސެނާރު ސްޓޭޓަށް ދާން ނަމަވެސް އަސްކަރިއްޔާއާއި އާރްއެސްއެފްއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މަގު އޮތީ ވަރަށް ނުރައްކާތެރިކޮށެވެ.
އަހްމަދު ބުނީ އޭނާގެ އާއިލާއިން ނިންމީ ކައިރި އައްސޭރިއަކަށް ހިނގާފައި ދިއުމަށެވެ. އެތަނުން ފެނުނު ބޯޓަކަށް އަރައިގެން ގޮސް ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ކަމަށް އެމީހުން އުންމީދުކުރިއެވެ.
"މި ބޯޓަކީ 60 މީހުންގެ ޖާގައިގެ ބޯޓެއް. ފަލި ޖަހައިގެން ދުއްވޭނީ. އެއީ ހަގީގަތުގައި ވެސް ވަރަށް ދުވަސްވީ ބޯޓެއް." އަހްމަދު ބުންޏެވެ. "އަހަރެމެންނަށް ކުރެވުނު އިހުސާސަކީ އަހަރެމެންނަކީ ވަރަށް ނަސީބު ރަނގަޅު ބައެކޭ. ބިރުވެރިކަމުގައި ދުވަސްތައް ހޭދަކޮށްކޮށް އަހަރެމެން ތިބީ ވަރަށް ވަރުބަލިވެފައި."
އަނެއް ބައި މީހުންނަށް އެފަދަ ނަސީބެއް ނުލިބޭ ކަމަށް ސޫދާނުގައި ހުންނަ އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްގެ ޑެޕިއުޓީ ހެޑް އަލައިން އޮއެޓެރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެޒީރާގައި އަދިވެސް ތިބި މީހުންނަށް ކޮލެރާ ފެތުރޭ މިންވަރު ގޯސްވަމުންދާ ކަމަށާއި އާރްއެސްއެފްގެ ހަމަލާތަކުގެ ސަބަބުން ސޫދާނުގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ކެއުމަށް ބޭނުންވާ ބާވަތްތައްވެސް ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އާރްއެސްއެފްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް އެހީގެ ޝިޕްމަންޓްތައް ވެއްދުމަށް އަސްކަރިއްޔާއިން ހުރަސް އެޅުމުގެ ސަބަބުން ގެޒީރާގައި ތާށިވެފައި ތިބި އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.
"ގެޒީރާގައި ތިބި އާންމުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކާ ސޫދާންގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ހުރިހާ ސަރަހައްދެއް ހުރަސްކުރަން އެބަޖެހޭ. އެކަމަކު އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އެހީ ގެންދަން ޖެހޭ ޓްރެވަލް ޕާމިޓް ހޯދަން ވަރަށް ދުވަސް ނަގާ." އޮއަޓެރާ ވިދާޅުވިއެވެ.
"އިންސާނިއްޔަތަށްޓަކާ ރައްކާތެރި ކޮރިޑޯ"
ރިލީފް އެޖެންސީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި އދ. އިން ދަނީ ގެޒީރާއިން ބޭރުގައި ރައްކާތެރި ކޮރިޑޯތަކެއް ގާއިމުކުރުމަށް އާރްއެސްއެފްއަށް ގޮވާލަމުންނެވެ.
"ވިސްނުމަކީ ހަމައެކަނި އަޅުގަނޑުމެންނަށް މީހުންނާ ހަމައަށް ވާސިލުވެވޭނެ ކަހަލަ ހިއުމެނިޓޭރިއަން ކޮރިޑޯއެއް ގާއިމުކުރުމެއް ނޫން. އެކްޓިވް ކޮންފްލިކްޓް ޒޯންތަކުން ރައްކާތެރިކަމާއެކު މީހުން ނުކުތުމަށްވެސް އެ ކޮރިޑޯތައް ބޭނުންކުރުން." އޮއަޓެރާ ވިދާޅުވިއެވެ.
ސޫދާންގެ ނޫސްވެރިޔާ ސިންޑިކޭޓުން ދާދި ފަހުން ވަނީ ނުރައްކާތެރި ސަރަހައްދުތަކުގައި ތާށިވެފައި ތިބި އެތައް ހާސް އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ އާންމުންނަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ބައިނަލްއަގުވާމީ ހުރިހާ އިދާރާތަކަށް ގޮވާލާފައެވެ.
ނަމަވެސް އާރްއެސްއެފްގެ ތަރުޖަމާނު ޔޫސުފް އީޒާތު ވިދާޅުވީ ހަނގުރާމަވެރިން މީހުން ފިލަން ނުވަތަ ކާރުތައް ފޭރުމަށް ހުރަސް ނާޅާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އާރްއެސްއެފް އިން ހައިޖެކަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދަނީ އެ މީހުންގެ ވެހިކަލްގެ މިލްކުވެރިކަން ސާބިތު ނުކުރެވޭ ޑްރައިވަރުންގެ އަތުން ކާރާއި ޓްރަކްތައް އަތުލައިގެންނެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހުރިހާ މަގެއް ވެސް އޮތީ ގެޒީރާ ސްޓޭޓުން ބޭރުގައި ހުޅުވިފައި." އޭނާ ވިދާޅުވިއެވެ.
އދ.އިން ސޫދާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ކްލެމެންޓައިން ނަކްވެޓާ ސަލާމީ ވެސް ވަނީ ހަނގުރާމަވެރި ޕާޓީތަކުން ރައްކާތެރި ކޮރިޑޯތަކެއް ގާއިމުކުރުމަށް ގޮވާލައްވާފައެވެ.
"ހަމަނުޖެހުންތަކުގައި ބައިވެރިވާ ފަރާތްތަކުން، އާންމުންނަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދޭން ޖެހޭ. ހަމަނުޖެހުންތަކުން ފިލައިގެން ދާ މީހުން، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރައްކާތެރިކަމާއެކު އެކަން ކުރެވޭނެ ގޮތް ހަދަން ޖެހޭ." ބުރާސްފަތި ދުވަހު އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
މަސައްކަތް ކުރަނީ ވެރިކަން ކުރަންތޯ؟
ސޫދާނުގެ ތަޖުރިބާކާރެއް އަދި ތިންކް ޓޭންކް ކޮންގްލޫއެންސް އެޑްވައިޒަރީގެ ފައުންޑިން ޑިރެކްޓަރު ހުލޫދު ހައިރު ވިދާޅުވި ގޮތުގައި އާރްއެސްއެފް އިން މަސައްކަތް ކުރަނީ ގެޒީރާގައި އާންމުން ތާށިކުރުމަށެވެ.
"އާރްއެސްއެފް އިން މަސައްކަތް ކުރަނީ ކޮންމެވެސް ކަހަލަ ގަވަނަންސް މޮޑެލްއެއް ގާއިމުކުރަންކަން ވަރަށް ސާފު. އެކަމަކު ހަގީގީ އިހުސާސްތައްވެސް އަޑުއިވެމުން މިދަނީ. މީހުންގެ މެދުގައި މާޔޫސްކަމާއި، ކަންބޮޑުވުމާއި، ނުތަނަވަސްކަން އިހްސާސްކުރެވޭ. އާރްއެސްއެފް އާއި އެ މީހުންގެ ސަޕޯޓަރުން ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދިނުމުގެ ގާބިލުކަމާ ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކާ އެމީހުންގެ އަމަލުތަކާ ދިމައެއް ނުވޭ." ހައިރު ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ ފުރުސަތު އެބައޮތެވެ. މިދިޔަ މަހު ލޯކަލް މޮނިޓަރުން އިން ބުނެފައިވަނީ ރޭޕް ކުރަން ދެކޮޅު ހެދުމުން އާރްއެސްއެފް އިން އެއް އަންހެނަކަށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ. އެއީ ތިން މަހުގެ މާބަނޑު މީހެކެވެ.
ޔާރާ ކައު، 21، ބުނި ގޮތުގައި ވަޑް މަދާނީއިން ފިލީ އާއިލާއިން މަޖުބޫރުކުރުމުންނެވެ. ރަށުން ބޭރަށް ދާން މަސައްކަތް ކުރި ނަމަވެސް އާރްއެސްއެފް ޗެކްޕޮއިންޓްތަކަށް އެމީހުން އަނބުރާ ފޮނުވާލި ކަމަށް އޭނާ ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހު ކައު އާއި އޭނާގެ ކޮއްކޮ އާއި ފިރިހެން ދެ ގާތް ތިމާގެ މީހުން ވަނީ ފައިމަގުގައި ފިލާފައެވެ. އެމީހުން 40 ކިލޯމީޓަރު (25 މޭލު) ހިނގާފައި ދިޔައީ ގެޒިރާގެ ބޭރުގައި އޮންނަ ކުޑަ އަވަށަކާ ދިމާއަށެވެ. އާރްއެސްއެފްގެ ދެ ހަނގުރާމަވެރިން އެމީހުން މަގުމަތިން ހުއްޓުވައި އެމީހުންގެ މުދާތައް ވަނީ ފޭރިގެންފައެވެ.
އަދި އެމީހުންނަށް އަނިޔާކުރާނެ ކަމުގެ އިންޒާރުވެސް ދިން ނަމަވެސް ކައުގެ ކޮއްކޮ ރޮމުން ގޮސް އޭނާއަތުގައި އޮތް ގުރުއާނުގައި ބައްދާލިތަން ފެނުމުން އެމީހުން ދޫކޮށްލިއެވެ.
ސޫދާނުގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ކަސަލާގައި ކައު މިހާރު ހުރި ނަމަވެސް އަދިވެސް ވާޑް މަދާނީގައި ތިބި އޭނާގެ މައިންބަފައިން މަތިން ހަނދާންވެއެވެ.
"އާރްއެސްއެފް އިން އަހަރެން ގަޔަށް ބަޑިޖަހައި މަރާފާނެތީ އަހަރެން ދުވަހަކުވެސް ބިރެއް ނުގަނޭ. އަހަރެން ފިލަން ބޭނުންވި ހަމައެކަނި ސަބަބަކީ އެމީހުން އަހަރެން ރޭޕްކޮށްފާނެތީ. އަހަރެމެންގެ މުޅި އާއިލާއިން އެދުނީ އަހަރެމެންނަކީ އަންހެން ކުދިން ކަމަށްވާތީ އެތަން ދޫކޮށް ދިއުމަށް." ކައު ބުންޏެވެ.