އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގއ އަތޮޅަށްް ވަޑައިގަތުމުން ޔާމީންގެ ނަންފުޅު ޖެހި ހުސްގޮނޑި ދައްކާ ނުރުހުން ފާޅުކޮށްފިއެވެ.

ޝަހީމް ނިސްބަތްވެ ވަޑައިގަންނަވާ ގއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ ނިމިދިޔަ ސަރުކާރުން އެ އަތޮޅުގެ ރަށްތަކުގައި ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ.

މި ދަތުރުގައި ގއ. ވަޑައިގަތުމުން ޝަހީމަށް މަރުހަބާ ކިޔުމަށް ބަޔަކު ނުކުތީ ރައީސް ޔާމީންގެ ނަންފުޅު ޖެހި ހުސްގޮނޑި ހިފައިގެންނެވެ. މާ ބޮޑު ހަމަނުޖެހުމެއް ނުހިންގި ނަމަވެސް ޑރ މުއިއްޒުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޔާމީނަށް ހާއްސަ ކުރި ހުސް ގޮނޑީގެ މަތިން މި ސަރުކާރުން ހަނދާން ނެތުނު ކަމަށް ބުނެ އަޑުއުފާލާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ޖަލްސާތަކުގައި ވަނީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ހާއްސަ ހުސް ގޮނޑިއެއް ބަހައްޓާފައެވެ. އަދި ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ މެންބަރުންނާއި ޕީއެންސީގެ މެންބަރުން އަޑު އުފުލިއެވެ. ނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ދެ ބޭފުޅުންގެ ދެމެދުގައި ގުޅުން ގޯސްވެ ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުއްދަ ދީފައެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

މުއިއްޒުގެ ކެމްޕެއިން ގައި ރައީސް ޔާމީންގެ ނަންފުޅުގައި ގޮނޑިކޮޅެއް ހުސްކޮށް ބައިންދާފައި

މީގެ ކުރިން ވެސް ދައުލަތުގެ ވަޒީރުންނާއި ބައެއް އިސްވެރިން ބައެއް ރަށްތަކަށް ވަޑައިގަތުމުން ޔާމީންގެ ނަންޖެހި ހުސްގޮނޑި ހިފައިގެން ނުކުމެ ނުރުހުން ފާޅުކޮށްފައި ވެއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން އެމަނިކުފާނުގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ބުނެ ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ސްރުކާރަށް ފާޑު ކިޔަމުންނެވެ.