ރުކުގެ އާއިލާއަށް ނިސްބަތްވާ ގަސްގަހާގެއްސަށް ބޮޑެތި ގެއްލުންތަކެއްދޭ ސޫތްޕެއް ކަމަށްވާ "ރެޑް ޕާމް ވީވިލް" (ރަތްމަޑި) އައްޑޫގެ ބައެއް ރަށްރަށުން ފެނުމާ ގުޅިގެން، އައްޑުއަތޮޅުން ރުއް ބޭރުކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

ރަތްމަޑިއަކީ ރުކާއި ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ ބާވަތްތަކަށް ނުރައްކާތެރި މަޑިއެކެވެ.

މި މަޑީގެ ގެއްލުން އެންމެ ބޮޑަށް ފޯރަނީ އޭގެ ފަނީގެ މަރުހަލާ (ލާވާ) ގައެވެ. މި މަރުހަލާގައި ރުކުގެ ކަނދުތެރޭގައި ހުންނަ މަޑު ބައިތައް ކާންފަށާއިރު، ކަނދުގެ އެތެރެއަށް ދޭ ގެއްލުންތައް ބޭރަށް ފެންނަން ނުހުންނާތީ މިކަން ދެނެގަނެވެނީ މަޑި ވަރަށް ބޮޑަށް އަށަގަންނަ ފަހުންނެވެ. އޭގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، މުޅި ރުއް އެއްކޮށް ހަލާކުވެގެންދެއެވެ.

މިކަމާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އަވަހަށް މަޑި އަޅާފައިވާ ރުއްތައް ދެނެގަތުމާއި، ގަވާއިދުން ރުއްތައް ބަލައި ފާސްކޮށް ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އަދި ހަމަ އެހެންމެ މަޑި ކޮންޓްރޯލްކުރުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ކުރިއަށް ގެންދާއިރު، އައްޑު އަތޮޅުގައި އެ ބޭނުން ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އައްޑުއަތޮޅުން ރުއް ބޭރުކުރުން މި ވަގުތަށް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް "ފެރޮމޯން ޓްރެޕްސް" ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ މި މަޑި ފެތުރުނަ ނުދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ސަމާލުވުމަށާއި، މި މަޑި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.