ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ދަށުން ހިންގަމުން އައި އެންމެހައި މަޝްރޫއުތަކާއި މަސައްކަތްތައް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ބެލުމުގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އާރްޑީސީގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި މީގެ ކުރިން އާރްޑީސީން ހިންގަމުން އައި ހުރިހާ މަޝްރޫއުތަކެއް ދެން ކުރިއަށް ގެންދާނީ އެމްޓީސީސީން ކަމަށާއި، އެ މަސައްކަތްތަކުގެ ފުރިހަމަ ޒިންމާ ވެސް އުފުލާނީ އެ ކުންފުނިން ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ ރަނގަޅު ފެންވަރުގެ މަގުތައް ހަދައި ބެލެހެއްޓުމުގެ މަގުސަދުގައި އާރްޑީސީ އުފެއްދީ މީގެ ހަ އަހަރު ކުރިންނެވެ.

ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކުންފުނި އުވާލައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީގެ ދަށަށް ބަދަލުކުރައްވާނެ ކަމަށް ވެސް އެ ބައްދަލުވުމުގައި ވިދާޅުވިއެވެ. މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން އެއްފަސްކޮށް ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

މީގެ އިތުރުން، މި ބަދަލުތަކާ ގުޅިގެން ދާދި ފަހުން ވަނީ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާ މަގާމުން ވަކިކުރައްވައި، އެ ކުންފުނި ވަގުތީގޮތުން ހިންގެވުން އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރާ ހަވާލުކުރައްވާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނައި ނަމަވެސް އެއްވެސް މުވައްޒަފެއްގެ ވަޒީފާއަށް އުނިކަމެއް ނާންނާނެހެން މަސައްކަތްތައް ތަރުތީބުކުރުމަށް ވަނީ އިސްކަންދީފައެވެ.