މާލޭގެ އަމީނީ މަގު މަރާމާތުކޮށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މިހާރު މަސައްކަތް ކުރަމުންދާ ސެގްމަންޓުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ޒަމާނީ ފެންވަރަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކި ފިޔަވަހިތަކަށް ނުވަތަ ސެގްމަންޓުތަކަށް ބަހާލައިގެންނެވެ. އެގޮތުން، މިހާރު ކުރިއަށްދާ ސެގްމަންޓް ތިނެއްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި ސަރަހައްދަކީ އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮތް މަގުގެ ބައެވެ.

މި ސެގްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މަގުގައި ކުރިން އަޅާފައި އޮތް ތާރުތައް ނެގުމާއި، އޭބީސީ ފަށަލަ އެޅުމުގެ އިތުރުން ކޮމްޕެކްޝަން މަސައްކަތްތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެމްސީ-30 ކޯޓިން އެޅުމުގެ މަސައްކަތް ކަމަށާއި، މި މަހުގެ ނިޔަލަށް އެއްކޮށް ތާރު އަޅައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަމީނީ މަގު ސެގްމަންޓް 3 ގެ ތާރު އެޅުން / ފޮޓޯ: އެމްޓީސީސީ

އަމީނީ މަގުގެ މަރާމާތު މަސައްކަތުގެ ތެރެއިން މީގެ ކުރިން ވަނީ ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމާ އާންމުންނަށް ދަތުރުފަތުރު ކުރުމަށް ހުޅުވާލާފައެވެ. އެއީ ސެގްމަންޓް އެކެއްގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދާއި، ސެގްމަންޓް ދޭއްގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މިހާރު ކުރިއަށްދާ ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމި މަގު ހުޅުވާލުމާއެކު، ސެގްމަންޓް ހަތަރެއްގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ހަތަރުވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ބައެވެ.

އަމީނީ މަގު ހަލާކުވެފައި އޮތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މަގުގެ އިންފްރާސްޓްރަކްޗާ މިގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.