ތެލެސީމިއާއަށް ފަރުވާ ހޯދުމަށް އާރްޓީއެލް ފެރީއާއި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން އަންނަ އާދިއްތަ ދުވަސް ކަމަށްވާ 29 ނޮވެންބަރު 2026 އިން ފެށިގެން މި ހިދުމަތް ލިބެން ފަށާނެއެވެ.
އެމްޓީސީސީން ބުނީ މި އިންތިޒާމުގެ ދަށުން ހިލޭ ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނީ ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ރަސްމީ ކާޑު އޮންނަ ފަރާތްތަކަށާއި، އެ ފަރާތްތަކާއެކު ދަތުރުކުރާ އެހީތެރިއަކަށްކަމަށެވެ.
އެމްޓީސީސީން ބުނީ މި ހިދުމަތް އާރްޓީއެލް ފެރީގެ ހިދުމަތްތަކުގައްޔާއި އާރްޓީއެލް ބަހުގެ ހިދުމަތްތަކުގައި ވެސް ބޭނުންކުރެވޭނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ނުވަތަ 7369221 ނަންބަރަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ވެސް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ސަރުކާރުގެ މި ނިންމުމަކީ ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
