ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދޫރަފިޝް، އުމުރުން 30 އަހަރުގެ ހަސަން ޝަމްއާން އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ، ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 24 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު، ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ. އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރިއިރު ފެނުނު ތަކެތި ތަހުލީލުކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް) ކަން ވަނީ ކަށަވަރުވެފައެވެ. އަދި އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.6 ކިލޯ ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަސަން ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ އަދަދަކަށް ކެނެބިސް އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު 1.03 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، ސެޕްޓެމްބަރު މަހު ޕެކޭޖުތަކެއްގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު 11 ކިލޯގެ ކެނެބިސްވެސް ވަނީ އަތުލައިގެންފައެވެ.
މީގެ އިތުރުން ވައިގެ މަގުން ރާއްޖެ އެތެރެވާ ފަސިންޖަރުން މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ވޭތުވެދިޔަ އޮގަސްޓް މަހު ރާއްޖެއައި އިންޑިއާ މީހެއްގެ އަތުން 2 ކިލޯގެ ކެނެބިސް އަތުލައިގެންފައިވާއިރު، ހަމަ އެ މަހުގެ 5 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އެ ޤައުމުގެ ފަސިންޖަރެއްގެ ލަގެޖު ބަލައިފާސްކުރިއިރު ބައި ކިލޯއެއްހާ ކެނެބިސް ވަނީ ފެނިފައެވެ.
