"އޭޝިއާސް ބެސްޓް އެންޓަޕްރެނާ ފިލަންތުރޮޕިސްޓް 2026" އެވޯޑް ވިލާ ގްރޫޕާއި ވިލާ ފައުންޑޭޝަންގެ ބާނީ ގާސިމް އިބްރާހީމަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑް އެމަނިކުފާނަށް ލިބިވަޑައިގަތީ ވިޔަފާރީގެ ދާއިރާއިން ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީތަކާއި، އިންސާނިއްޔަތަށް ފޯރުކޮށްދެއްވާފައިވާ އަގުހުރި އެހީތެރިކަން ފާހަގަކޮށެވެ.

މެލޭޝިއާގެ ދަ ސްޓާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެވޯޑް ދީފައިވަނީ މިއަދު ޕާޑާނާ ލީޑަޝިޕް ފައުންޑޭޝަންގައި ބޭއްވި “އޭސީއީ އައިކަންސް އެވޯޑްސް 2026” ގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން އެވޯޑާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން އުމަރު އަރްކާން ގާސިމެވެ.

އެ ނޫހުން ބުނި ގޮތުގައި، ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވަނީ މި ޝަރަފުވެރި އެވޯޑް ލިބިވަޑައިގެންނެވި ފަސް ބޭފުޅުންގެ ތެރޭގައެވެ. އެމަނިކުފާނުގެ އިތުރުން މި އެވޯޑް ލިބިވަޑައިގަތީ:

  • މެލޭޝިއާގެ ބަރްޖާޔާ ކޯޕަރޭޝަންގެ ބާނީ ތަން ސްރީ ވިންސެންޓް ތަން
  • އިންޑިއާގެ އިންފޯސިސްގެ ބާނީ އެން އާރް ނާރާޔަނާ މޫރްތީ
  • އިންޑޮނޭޝިއާގެ ބަކްރީ އެންޑް ބްރަދާސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަނިންދިޔާ އެން ބަކްރީ
  • ބަންގްލަދޭޝްގެ އޭ.ކޭ ހާން ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސަލާހުއްދީން ގާސިމް ހާން

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަކީ ތައުލީމާއި ސިއްހީ ދާއިރާއިން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ.

އެމަނިކުފާނުގެ ވިލާ ގްރޫޕުން ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރާއި، ހަކަތައާއި، ކަނޑު ދަތުރުފަތުރުގެ އިތުރުން މަތީ ތައުލީމު ހިމެނޭހެން 30 އަށް ވުރެ ގިނަ ކުންފުނި ހިންގައެވެ.

މީގެ އިތުރުން، ޖުލައި 27، 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް ގާސިމް އިބްރާހީމަށް އަރުވާފައެވެ.