ދިވެހި ފިލްމު "ކީއްވެ"ގެ ޕްރިމިއަ ނައިޓް ލައިވްކޮށް ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއެކު ރަސްމީ އެއްބަސްވުމެއް ހަދާފައިވަނިކޮށް، އެންމެ ފަހު ވަގުތު އެއްވެސް މަގުބޫލު އުޒުރެއް ނެތި އެ އިވެންޓް ކެންސަލްކުރި މައްސަލާގައި ޕީއެސްއެމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން ޕްރޮޑަކްޝަން ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2026 ނޮވެމްބަރު 19 ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އެ ފަރާތުން ފުރިހަމަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، 2026 ނޮވެމްބަރު 25 ވީ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި އިވެންޓް ފެށުމަށް އެންމެ ދެ ގަޑިއިރަށް ވެފައިވަނިކޮށް، އިވެންޓް ލައިވް ނުކުރެވޭނެކަން ޕީއެސްއެމުން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ޕީއެސްއެމުން މިގޮތަށް ނިންމިއިރު، އެ މުއައްސަސާގެ ޓެކްނިކަލް ޓީމުން އޮލިމްޕަހަށް ގޮސް ލައިވް ކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ނިމިފައިވާ ކަމަށާއި، އަދި ޕީއެސްއެމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް އެ އިވެންޓް ލައިވް ކުރާނެކަން ކުރިން އާންމުކޮށް އިއުލާނު ކޮށްފައިވާ ކަމަށް ފިލްމީ ޓީމުން ބުނެއެވެ.
މި އެންގުމާ ގުޅިގެން ހައްލެއް ހޯދުމަށްޓަކައި އެރޭ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާ ބައްދަލުކޮށް ގަޑިއެއްހާއިރު ވަންދެން މަޝްވަރާ ކުރި ނަމަވެސް، ލައިވް ކުރިއަށް ނުގެންދިޔުމަށް އޭނާ ނިންމެވި ކަމަށް ވެއެވެ. މި ނިންމުމުގެ ސަބަބެއްގެ ގޮތުގައި އެމްޑީ އަހުމަދު ޝަކީބު ފާހަގަކުރެއްވީ، މި އިވެންޓަށް ދައުވަތު އެރުވިގެން ބައެއް ސިޔާސީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާތީ ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް ޕްރޮޑަކްޝަން ހައުސްއިން ބުނެފައިވަނީ، "ކީއްވެ" ފިލްމުގެ ޕްރިމިއަ ނައިޓަކީ އެއްވެސް ސިޔާސީ ހަރަކާތެއް ހިމެނޭ އިވެންޓެއް ނޫން ކަމަށެވެ. އަދި ދައުވަތު ދީފައިވަނީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ކުލައަކަށް ބެލުމެއް ނެތި، ދައުލަތާއި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނަށާއި، ފަންނާނުންނަށާއި އާންމުންނަށް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ މީޑިއާއިން އެންމެ ފަހު ވަގުތު މިގޮތަށް އަމަލުކުރުމުގެ ސަބަބުން، ޓީވީ ބެލުންތެރިންނަށް މަންޒަރުތައް ފުރިހަމައަށް ގެނެސްދިނުމަށް އޮލިމްޕަސް ޒީނަތްތެރިކުރުމަށާއި އިންތިޒާމުތަކަށް ކުރި ބޮޑު ހޭދަ ބޭކާރުވެ، އިއާދަ ނުކުރެވޭ ފަދަ ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މީގެއިތުރުން ފިލްމު އިސްތިހާރުކުރުމަށް ރޭވި ކަންކަމަށް ވެސް ބޮޑެތި ހުރަސްތަކެއް އެޅިގެން ގޮސްފައިވެއެވެ.
ދައުލަތުގެ ބަޖެޓުން ހިންގާ ތަނަކުން މިފަދަ އަމަލެއް ހިންގުމަކީ ފިލްމީ ދާއިރާއަށް ދެވުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ސިފަކޮށް، މި އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.
މިއީ، ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ރީކޯ މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ހިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއް ކަމަށް ބެލެވެއެވެ.
