ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައަށް 2 އަހަރު ވާން ކައިރިވެފައި ވާ އިރު އެގައުމުން މިހާތަނަށް 10,000 އާންމުން މަރުވެފައި ވާ ކަމަށް އދ ގެ ރިޕޯޓެއް ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނީ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މަރުވެފައި ވަނީ ފާއިތުވި 3 މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށާއި މާރުވި މީހުންގެ ތެރޭގައި 560 ކުޑަކުދިން ހިމެނޭ ކަމަށެވެ.
ޔޫކްރައިންގައި ހަރަކާތްތެރިވާ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މިޝަން އާ ހަވާލާދީ އަދަދުތައް ހާމަ ކުރި އިރު އެރިޕޯޓުގައި ބުނީ އެ އަދަދުތައް އެއަށްވުރެ މައްޗަށް ދިޔުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ފެބްރުއަރީ 24, 2022 ގައި ފެށި އެ ހަނގުރާމަ މިހާތަނަށް އައި އިރު ޔޫކްރައިން އިން ޒަހަމްވި އާންމުންގެ އަދަކީ 18,500 ކަމަށް ވެސް ބުނެފައި ވެއެވެ.
އިތުރަށް އެ ރިޕޯޓުގައި ބުނީ އާންމުންގެ ތެރެއިން އެހާ ގިނަ ބަޔަކު މަރުވާން ދިމާވެފައި ވަނީ, ރަޝިއާ އިން ބޭނުން ކުރަމުން ދާ ދުރުރާސްތާ މިސައިލް ތަކާއި އެތަން މިތަނަށް ވެއްޓިފައި ހުންނަ ގޮވާތަކެތި ގޮވައިގެން ހިނގާފައިވާ ހާދިސާތަކުގައި ކަމަށެވެ.
މި މުއަދަތުގައި ހަނގުރާމައިގެ ކުރީ ސަފުން މަރުވި މީހުންގެ އަދަދު ސާފުނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ނަތީޖާތަކަށް ބުރަވެ އދ މިޝަންގެ ޔޫކްރައިންގެ ވެރިޔާ ބުނެފައިވަނީ ޔޫކްރައިންގައި ވެސް ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށެވެ.
މި ރިޕޯޓު އެކުލަވާލުމުގައި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ޔޫކްރައިނުން މަރުވި އާންމުންގެ މައުލޫމާތު އެއްކޮށް އަދަދުތައް ހިމަނާފާއި ވާ އިރު ރިޕޯޓުގައި އިތުރަށް ބުނީ ދެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ހަނގުރާމަ ފެށިތާ ކައިރީގައި މަރިއޮޕޮލް އަށް ރަޝިއާއިން ދިން ހަމާލާތަކުގައި ކަމަށެވެ.
ގަސްތުގައި އާންމުންނަށް ހަމަލާ ނުދޭ ކަމަށް ރަޝިއާއިން ބުނެފައި ވާ އިރު, ރަޝިއާއިން ހިންގަމުން ދަނީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެއާއެކު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހައްޔަރު ކުރުމުގެ އަމުރުވެސް ނެރެފައި އޮންނަތާ ކިތަންމެ ދުވަހެކެވެ.
ޔޫކްރައިން ހަނގުރާމަވެސް ނުނިމި ދިގުލައިގެން ދާއިރު, ހުޅަނގުގެ އަޅާލުން ކުޑަވެ ޔޫކްރައިން އިން ދަނީ ޝަކުވާ ކުރަމުންނެވެ. އެ ކަމާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު އިއްޔެ ޔޫކްރައިން އަށް ވަޑައިގެން ޔޫކްރައިންގެ ފައުޖުތަކަށާއި އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އަށް ހިތްވަރު ދެއްވައި, އިތުރު އެހީއާއި މަދަދު ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ ޖަރުމަނުންވެސް މިއަދު ވަނީ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ [ލޯނުގެ ގޮތުގައި] ޔޫކްރައިން އަށް ދޭން ބުނެފައެވެ.