ރަޝިއާ އާއި ޔޫކްރައިން ހަނގުރާމަ 3 އަހަރަށް ދިގުލައިގެން ގޮސްފައި ވާއިރު މިއަހަރުގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާ ޔުކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ އުފަން ރަށަށް އަމާޒު ކޮށްފިއެވެ.

ޖުމްލަ 19 މީހަކު މަރުވެ 72 މީހަކު ޒަހަމްމި މި ހަމަލާގައި އާންމުން ދިރިއުޅޭ އެތައް އިމާރާތެއްގެ އިތުރުން ތައުލީމު ދިނުމަށް ގާއިމު ކޮށްފައި ހުރި ތަންތަނުގެ ތެރެއިން 6 ތަނެއް ވަނީ ހަލާކު ވެފައެވެ.

ޒެލެންސްކީގެ އުފަން ރަށް ކްރިވްޔީ ރިހް އަށް އަމާޒު ކުރި މިހަމަލާ އަކީ، މިއަހަރުގެ ތެރޭގައި ވެސް ޔޫކްރައިން އަށް އަމާޒު ނުވާވަރުގެ ވަރުގަދަ ހަމަލާއެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހަމަލާގައި ކުޑަކުދިންގެ ތެރެއިން އެތައް ބަޔަކު މަރުވި ކަމަށާއި އޭގެ ތެރޭގައި 3 މަސް ނުފުރޭ ތުއްތު ކުދިންވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.

މިހަމަލާ އާ ގުޅޭ މައުލޫމާތު އާންމު ކުރަމުން ޔޫކްރައިންގެ ޖެނެރަލަކު ބުނެފައި ވަނީ ރަޝިއާ އިން ހަމަލާ ދިނީ ބޮޑު އެއް ފަހަރުން ބޮޑު ސަރަހައްދަކަށް ގެއްލުން ދެވޭ ޒާތުގެ ކްލަސްޓާ ވޯހެޑް ހަރުކޮށްފައި ހުރި ބެލެސްޓިކް މިސައިލަކުން ކަމަށެވެ.

ޒެލެންސްކީގެ އުފަން ރަށަށް މީގެ ކުރިންވެސް ހަމަލާ އަމާޒު ވެފައި ވެއެވެ. މީގެ ކުރީގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު 3 އިން 2 އިން ހުރި ނަމަވެސް މިހަމަލާ ތަފާތު ވަނީ، އޭގެ ގެއްލުން ބޮޑުވެފައި ބޮޑު ސަރަހައްދެއް ގޮވައިގެން ދާތީ އެވެ.

ރަޝިއާގެ މި ހަމަލާ އަމާޒުވި މިވަގުތަކީ ރަޝިއާ އާއި ޔުކްރައިން ސުލްހަ ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ މަސައްކަތް ކުރައްވާ ވަގުތެއް ވެސް މެއެވެ. ދާދި ދެންމެ ދެފަރާތް ސުލްހަ ވެދާނެ ފަދަ ވާހަކަތައް ޓްރަމްޕް ދައްކަވާފައި ވާ އިރު، މަންޒަރު ފެންނަނީ އެއާ މުޅިން ދުރަށެވެ. ދެފަރާތުގެ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. ޑްރޯން އާއި މިސައިލާއި އަދި ބޮޑުބަޑިގެ އިތުރުން ބޮން އަޅާ މަތިންދާބޯޓުތައް ބޭނުން ކޮށްގެންވެސް ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.