200 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ރަޝިއާ އިން ޔޫކްރައިން އަށް ހަމަލާތަކެއް ދިންތާ ހަފްތާއެއް ނުވަނީސް ޔޫކްރައިން އިން ރަޝިއާ ސިހޭވަރުގެ ވަރުގަދަ ހަމަލާއެއް ދީފިއެވެ.

ސްމަގްލް ކޮށްގެން ހޯދާފައި ވާ ޑްރޯން އާއި އެތެރޭގެ އަމިއްލަ އުފެއްދުމުގެ ގޮތުގައި ބޭނުން ކުރާ އާލާތްތައް ހިމެނޭ 117 ޑްރޯނެއް ބޭނުންކޮށްގެން ދިން މި ހަމަލާގައި ރަޝިއާގެ އަސްކަރީ އެއާ ބޭސްތަކުގެ 4 ތަނެއް ވަނީ ގޮއްވާލައިފައެވެ.

މި ހަމަލާތަކުގައި ކްރޫޒް މިސައިލް އުފުލޭ ޒާތުގެ 40 ބޯޓު ގޮއްވާލި އިރު، މިއީ މުޅި ރަޝިއާގައި ކްރޫޒް މިސައިލް އަށް ފައްކާ ކޮށްފައި ހުރި ފެސިލިޓީތަކުގެ 34 ޕަސެންޓެވެ.

މި ހަމަލާ އަށް ފަހު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، އެ ހަމަލާ ދިނުމަށްޓަކައި ތައްޔާރު ވަމުންދާތާ އަހަރު ދުވަސް ވެއްޖެ ކަމަށާއި ހަމަލާގައި ބޭނުން ކޮށްފައި ވަނީ ސްމަގްލް ކޮށްފައި ވާ ތަކެތި ކަމަށެވެ.

މި ހަމަލާ ދިންކަން ރަޝިއާގެ އިދާރާތަކުން ޔަގީން ކޮށްދެމުން ބުނެފައި ވަނީ، ޖުމްލަ 5 ސަރަހައްދަކަށް ހަމަލާ އަމާޒު ވި ކަމަށާއި އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މި ހަމަލާ ދިން ވަގުތަކީ، ނޭޓޯގެ ހަތިޔާރު އިމެއް ނެތި ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރުމުގެ ހުއްދަ ނޭޓޯ އިން ދީފައިވާ ވަގުތެކެވެ. އަދި ރަޝިއާ އާއި ޔޫކްރައިން ސުލްހަ ކުރުމުގެ ވާހަކަތަކުގެ ދެވަނަ ބުރު ތުރުކީގައި ބޭއްވުމަށް ތާވަލުވެސް ކޮށްފައި ވާ ވަގުތެކެވެ.

ޔޫކްރައިން ގެ ހަމަލާގެ ރައްދު ދޭނެ ގޮތެއް ރަޝިއާއިން އަދި ހާމަ ކޮށްފައި ނުވާއިރު، ރޭވެސް ރަޝިއާ އިން ވަނީ ޔޫކްރައިން އަށް ވަރުގަދަނަ ހަމަލާތަކެއް ދީފައެވެ. ކްރޫޒު މިސައިލުން ދިން މިހަމަލާތަކުގައި ޔޫކްރައިން އަށް ގެއްލުންތަކެއް ލިބިފައި ވީ ނަމަވެސް މާބޮޑު ތަފްސީލުތަކެއް ނުލިބެއެވެ. 6 މީހަކު ޒަހަމްވުން ފިޔަފައި އިތުރު ގެއްލުންތަކެއް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ 2022 ގައި ފެށި ޔޫކްރައިން ހަނގުރާމަ މިހާ ހިސާބަށް އައިއިރު މުޅި ޔޫކްރައިން ބިމުގެ 20 ޕަސެންޓް ކޮންޓްރޯލް ރަޝިއާއިން ވަނީ ހިފާފައެވެ.

ޔޫކްރައިންގެ ހަމަލާގެ ބަދަލު ހިފުމަށް ރަޝިއާ ތައްޔާރުވަމުން ދާ ގޮތް ކަމަށް ބުނެ ސޯޝަލްމީޑިއާގައި އެކިއެކި ފަރާތްތަކުން އެކިއެކި މެސެޖްތައް ފަތުރަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ވާހަކައެއް ރަޝިއާގެ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ޔޫކްރައިންގެ ހަމަލާ އާ ގުޅިގެން ރަޝިއާގެ އެންމެ ޒަމާނީ ހަތިޔާރު މާކް10 ގެ ނިއުކްލިއާ ވޯހެޑް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އެ ހަތިޔާރަކީ، ދުނިޔޭގައި މިވަގުތު ހުރި ދިފާއީ އެއްވެސް ނިޒާމަކަށް އަތުވާވަރަށް ވުރެ ބާރު ސްޕީޑްގައި ދުވާ ހަތިޔާރެކެވެ.