ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން އިއްޔެ ރަޝިއާ އާއެކު މަޝްވަރާތައް ފަށާފައި ވާ އިރު، އެ މަޝްވަރާތަކާ ގުޅިގެން ޔޫކްރައިން އިން ގެންގުޅޭ ތަސައްވުރަށް ޓްރަމްޕް ފާޑުވިދާޅުވެއްޖެއެވެ.
ޔޫކްރައިން ބައިވެރި ނުކޮށް އެމެރިކާ އާއި ރަޝިއާ އާ ދެމެދު ބޭއްވި މަޝްވަރާތަކުގައި ރަޝިއާ އިން ބުނެފައި ވަނީ، ރަޝިއާ އިން ހިފި އެއްވެސް ސަރަހައްދެއް ދޫކޮށްލައި އަދި ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ނޭޓޯގެ އެއްވެސް ގައުމެއްގެ ސިފައިން ޔޫކްރައިންގައި ތިބުމަށް އެއްބަސް ނުވާނެ ކަމަށެވެ.
ސައުދީއަރަބިއްޔާ މެދުވެރިއެއްގެ ދައުރު އަދާކޮށް އެ ގައުމުގައި އެމެރިކާގެ އޮފިޝަލުން ބޭއްވި ކުރު ބައްދަލުވުމަށް ޔޫކްރައިން އަށް ދައުވަތު ދީފައެއް ނުވެއެވެ. އެ މައްސަލައިގައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެފައި ވަނީ، ޔޫކްރައިން ބައިވެރި ނުކޮށް އެކުލަވާލައި ސުލްހައިގެ އެއްބަސްވުމެއް ގަބޫލު ނުކުރާނެ ކަމަށެވެ.
މި ބައްދަލުވަށް ފަހު ޓްރަމްޕްގެ އަމިއްލަ ރިސޯޓް 'މާރް-އެ-ލާގޯ" ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ފެށުވުމުގެ މާ ކުރިން ސުލްހަވެވެން އޮތް ކަމަށާއި އެކަން ނުކޮށް ހަނގުރާމަ ފެށީ ޔޫކްރައިން އިން ކަމަށެވެ.
އެވާހަކައަށް ބާރު ދެއްވައި ޓްރަމްޕް ވިދާޅުވީ، އަސްލު ހަނގުރާމަ ނުފަށާ އެ މަރުހަލާގައި ޑީލެއް ހެދުނީސް ކަމަށެވެ. އަދި އެ ގޮތަށް އެކަން ކުރި ނަމަ، ޔޫކްރައިންގެ ބިމުން އިންޗިއެއްވެސް ނުގެއްލުނީސް ކަމަށާއި މީހަކު މަރުނުވެ އަދި ސިޓީއެއް ހަލާކު ނުވެ ސަލާމަތް ވީސް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ސައުދީގެ ބައްދަލުވުމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއީ އުއްމީދު އާވި ބައްދަލުވުމެއް ކަމަށާއި ހަނގުރާމަ ހުއްޓާ، ސުލްހަވާން ރަޝިއާ ބޭނުންވާ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، "މި ހަނގުރާމަ ހުއްޓުވުމުގެ ބާރު އަހަންނަން އޮތްކަމަށް ގަބޫލު ކުރެވޭ" ކަމަށެވެ. އަދި ސުލްހަ ބަލަހައްޓަން ޔޫރަޕްގެ ފައުޖުތައް ޔޫކްރައިން އަށް ފޮނުވުމާ މެދުވެސް އޭނާ ވާހާކަ ދައްކަވާފައި ވާ އިރު ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަށް އެމެރިކާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ.
ރަޝިއާއިން ސައުދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހާރިޖީ ވަޒީރު ސާޖޭ ލަވްރޯވް ވިދާޅުވީ، ނޭޓޯގެ އެއްވެސް ގައުމެއްގެ ސިފައިން ޔޫކްރައިންގައި ތިބެން އެއްބަސް ނުވާނެ ކަމަށާއި ނަމަވެސް އިއްޔެގެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި ދާދި އަވަހަށް އެމެރިކާ އާއި އަދި ރަޝިއާއިން އެގައުމެއްގެ އެމްބެސެޑަރުން ކަނޑައަޅާ އިހު އޮތް ގުޅުންތައް އަލުން ގާއިމުކޮށް ފަށައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އިއްޔެގެ ބައްދަލުވުމުގައި އެއްބަސްވެވުނު އެއް ކަމަކީ، ސުލްހައިގެ މަސައްކަތްތައް ވިލަރެސް ކުރުމަށް ދެގައުމު ހިމެނޭހެން އިސް ވަފުދެއް އެކުލަވާލުމަށް ކަމަށެވެ.
ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށިތާ 3 އަހަރު ވެފައި ވާ އިރު ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. ދެފަރާތަށް ވެސް ބޮޑެތި ގެއްލުންތައް ލިބެމުން ދާ އިރު އެއްބަޔަކު އަނެއްބަޔަކަށް ކުރާ ތުހުމަތުތައް ވެސް ދަނީ ބޮޑުވަމުންނެވެ.
މި ހަނގުރާމަ ހުއްޓުވުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެއް ކަމަށް ވާއިރު، ކެމްޕެއިންގެ ތެރޭގައި ވިދާޅުވީ ހުވާކުރައްވާތާ 24 ގަޑިއިރުގެ ތެރޭގައި ހުއްޓުވާނެ ކަމަށެވެ. ހުވާ ކުރެއްވުމަށް ފަހު އެކަން ހިމެނުއްވީ 100 ދުވަހުން ހާސިލު ކުރާ ކަންކަމުގެ ތެރޭގައެވެ. ފަހުން ވިދާޅުވީ، މަޝްވަރާގެ މަރުހަލާއަކީ އުނދަގޫ މަރުހަލާތަކެއް ކަމަށެވެ. މިހާރު ވިދާޅުވަނީ އުއްމީދު އާ ވެއްޖެ ކަމަށެވެ.