ޔޫކްރައިން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭ ކަމަށް ޗައިނާ އިން ބުނި ނަމަވެސް، ހަތިޔާރު އުފައްދާ ރަޝިއާގެ 20 ފެކްޓަރީ އަކަށް ޗައިނާ އިން ސަޕްލައި ކޮށްދޭ ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.
ޔޫކްރައިން ގެ އިންޓެލިޖެންސްގެ ޗީފް ވިދާޅުވީ، ޗައިނާ އިން ރަޝިއާ އަށް ސަޕްލައި ކޮށްދޭ ކަން ފާހަގަ ވެފައިވާ 5 ހާދިސާ އެއް 2024 އިން 2025 އާ ދެމެދު ރެކޯޑް ކުރެވިފައި ވާ ކަމަށެވެ. އޭގެ ތެރޭގައި އެކިއެކި އާލާތްތަކާއި ސްޕެއާ ޕާޓުގެ އިތުރުން ޓެކްނިކަލް ލިޔެކިޔުންތައް ހިމެނޭ ކަމަށެވެ. އަދި ބޮޑެތި ޝިޕްމަންޓުތަކުގެ ގޮތުގައި 6 ޝިޕްމަންޓެއް ފާހަގަ ކުރެވުނު ކަމަށާއި އެއީ ކެމިކަލް ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް އެއީ ކޮން ބާވަތެއްގެ ކެމިކަލެއް ކަމެއް ބުނެފައެއް ނުވެއެވެ.
ޔޫކްރައިންގެ ވެރިރަށް ކީވްގެ ފޮރިން އިންޓެލިޖެންސް ސާވިސްގެ ވެރިޔާ، އޮލޭ އިވަޝްޗެންކޯ ވިދާޅުވީ، ރަޝިއާއިން ބޭނުން ކުރާ ޑްރޯންގައި ހިމެނޭ އިލެކްޓްރޯނިކް ބައިތަކުގެ ތެރެއިން ހައްސާސް ބައިތަކުގެ ތެރޭގައި ހިމެނޭ 80 ޕަސެންޓް ނިސްބަތް ވަނީ ޗައިނާ އަށް ކަމަށެވެ.
ޔޫކްރައިން އިން މީގެ ކުރިންވެސް ޗައިނާ އަށް ތުހުމަތުތައް ކޮށްފައި ވެއެވެ. އެއިން ކޮންމެ ފަހަރަކު ޗައިނާ އިން ބުނެފައި ވަނީ، ޔޫކްރައިން ހަނގުރާމައިގައި ޗައިނާ އިން ރަޝިއާ އަށް އެހީވާ ކަމަށް ބުނެ ދައްކަމުން ދަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ހަނގުރާމައިގައި ޗައިނާއިން ހިފަހައްޓަމުން ގެންދާ ސްޓޭންޑް ނުވަތަ ހަމަ އަކީ ވަކި އަތަކަށް ނުޖެހުން ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ޗައިނާ އަކީ ރަޝިއާ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އެގޮތުން 2022 ގައި ހަނގުރާމަ ފެށުނު ފަހުންވެސް ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ވަރުގަދަކޮށް އިތުރު މުއާމަލާތްތައް ހިންގާފައި ވެއެވެ. އަދި ދެގައުމުގެ ވެރިން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައްދަލު ކުރައްވާފައި ވެސް ވެއެވެ.