ޔޫކްރައިން ހަނގުރާމަ ފެށިފަހުން، ހަތިޔާރުގެ ގޮތުން މިހާތަނަށް ދިން އެންމެ ބޮޑު ހަމަލާ އާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަކީ 'މޮޔައެއް' ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް" ގައި އޭނާ ވިދާޅުވީ، ޕުޓިން އަކީ ގާތް ބޭފުޅެއް ކަމަށާއި ރަނގަޅު ގުޅުމެއް އޮތް ނަމަވެސް އޭނާ [ޕުޓިން] އެހުންނެވީ މޮޔަ ވެފައި ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ޕުޓިން ބޭނުންފުޅުވަނީ މުޅި ޔޫކްރައިން ކަމަށާއި އެ ގައުމުން ތަންކޮޅެއް ނޫން ކަމަށް މީގެ ކުރިންވެސް ވިދާޅުވަމުން ގެންދެވި ކަމަށެވެ. ނަމަވެސް އެކަން ވެގެންދާނީ ރަޝިއާގެ ނިމުމަށް ކަމަށް އޭނާ ވިދާޅުވެއެވެ.
މި މޭރުމުން ޓްރަމްޕް ކޮމެންޓް ކުރައްވާފައި މި ވަނީ، ޔޫކްރައިން ހަނގުރާމަ ފެށިފަހުން ހަތިޔާރުގެ ގޮތުން މިހާތަނަށް ދިން އެންމެ ބޮޑު ހަމަލާ ޔޫކްރައިން އަށް އަމާޒު ވުމުންނެވެ.
ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދިނުމަށް ރޭ އެކަނި ވަނީ 298 ޑްރޯން އާއި 69 މިސައިލެއް ފޮނުވާލައިފައެވެ. މިހަމަލާތަކުގައި ޔޫކްރައިން އިން 13 މީހަކު މަރުވި އިރު، ޔޫކްރައިން ގެ ދިފާއީ ނިޒާމުތަކުން ވަނީ، 266 ޑްރޯން އާއި 45 މިސައިލް ގޮއްވާލައިފައެވެ.
މި ހަމަލާއަށް ވުރެ ކުރިން ދިން އެހެން ބައެއް ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެފައި ވީ ނަމަވެސް ބޭނުން ކުރި ހަތިޔާރުގެ އަދަދަށް ބަލާއިރު މިއީ އެންމެ ބޮޑު ހަމަލާއެވެ.
ރޭ ޔޫކްރައިންގެ އުޑުމަތި ދިއްލެމުން ދިޔައީ، ޑްރޯންތައް ގޮވާ މަންޒަރުތަކުންނެވެ.
ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މުޅި ގައުމު އޮތީ ޓެރަރިޒަމްގެ ވިލާގަނޑެއްގެ ދަށުގައެވެ. ރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 8 އަހަރު، 12 އަހަރު އަދި 17 އަހަރުގެ ކުދިން ހިމެނެއެވެ.
މަރުވި މީހުންގެ އިތުރުން 60 މީހަކު ޒަހަމްވި މި ހާދިސާ އަށް ފަހު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، ރަނގަޅު އިހުލާސްތެރި އަދި ވަރުގަދަ ޕްރެޝަރާ އެކު ނޫނީ ރަޝިއާ މައިތިރި ކުރެވެން ނެތް ކަމަށެވެ.
ރަޝިއާގެ ހަމަލާތަކާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ޓްރަމްޕް ރޭ ވަނީ ވިދާޅުވެފައެވެ. މި ވާހަކައަށް ރައްދު ދެއްވައި ޒެލެންސްކީ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުން ވެސް ކޮންމެވެސް ވަރެއް ވާނެ ކަމަށެވެ.
ޕުޓިން އަށް ފާޑު ވިދާޅުވުމުގެ އިތުރުން ޓްރަމްޕް ވަނީ ޒެލެންސްކީ އަށް ވެސް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ޒެލެންސްކީ ހައްދަވާ ގޮތުން ގައުމަށް [ޔޫކްރައިން އަށް] ހެވެއް ނުވާ ކަމަށާއި އެކަމުން ވަނީ އިތުރު ނުބައެއް ކަމަށެވެ.
"އޭނާ ދައްކާ ވާހަކައިން ހައްތަވާ ވަނީ ގޯސް، އަހަންނަކަށް ކަމަކު ނުދޭ، އެކަން ހުއްޓާލުން ބުއްދިވެރި" ޓްރަމްޕް ވިދާޅުވިއެވެ.
ފެބްރުއަރީ 2022 ގައި ފެށި ހަނގުރާމަ ދިގުލަމުން މިއަދާ ހަމައަށް އައި އިރު، ދެފަރާތުން ވަނީ ގިނަ އަދަދެއްގެ ސިފައިން މަރުވެ އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތި ވެފައެވެ. އަދި އަސީރުންގެ ގޮތުގައި ދެފަރާތުގެ އަތްދަށުގައި އެތައް ހާސް ސިފައިންނެއް ވަނީ ހައްޔަރު ވެސް ވެފައެވެ. ރަޝިއާއިން ޔޫކްރައިންގެ ބިމުގެ 5 ޕަސެންޓް ހާ ސަރަހައްދު ހިފާފައި ވާ އިރު، ޔޫކްރައިން އަށް ރަޝިއާ ބިމުގެ ޕަސެންޓެއްގެ މިންވަރުވެސް އަތުލެވިފައެއް ނުވެއެވެ.
ޔޫކްރައިން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން ހުށަހަޅައިގެން ތުރުކީގައި ރަޝިއާ އާއި ޔޫކްރައިން އަދި އެމެރިކާ ބައިވެރިވެ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް އެއްބަސްވުމަކާ ހަމައަށް ދެވިފައެއް ނުވެއެވެ. ޔޫކްރައިން އިން ހުށަހަޅަނީ، ރަޝިއާ އިން ހިފި ބިންތަކުން ފައިބާށެވެ. ރަޝިއާއިން ބޭނުން ވަނީ ހިފި ބިންތައް ރަޝިއާގެ ބައެއްގެ ގޮތުގައި ޔޫކްރައިން އިން ބަލައިގަންނާށެވެ.