ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށްޓަކައި ރާއްޖެއާ ގުޅިގެން އިންޑިއާއިން މަސައްކަތް ކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފައިން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވުމަށް ފޮނުއްވި މެސެޖުގައެވެ.
މޯދީ ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައެވެ. "ނެއިބާހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށްޓަކައި ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މޯދީ ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގައި މަލްޓީ ޑައިމެންޝަނަލް ޕާޓްނާޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމުގައި ގަބޫލު ކުރައްވާ ކަމުގައި މޯދީ ވަނީ ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" (އެސްއޭޖީއޭއާރް) ގާއިމްކޮށްދިނުމުގައި ދިވެހިރާއްޖެއަކީ އިސް ދައުރެއް އަދާކުރާ ގައުމެއް ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ރައީސް ޑްރޮޕަދީ މުރުމޫ ވެސް ވަނީ ރައީސް ސޯލިހަށް އަދި ދިވެހި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ޑްރޮޕަދީ މުރުމޫ ވިދާޅުވީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ބަދަހިވެފައި ވަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ޒަމާނުއްސުރެ ވަރުގަދަ ތާރީހީ އަދި ސަގާފީ ގުޅުމާއި ދެ ގައުމުގެ ޑިމޮކްރަސީގެ ތެރެއިން އިގްތިސޯދީ އަދި ވިޔަފާރީގެ ގޮތުން އުފެދިފައިވާ ގުޅުމުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގެ އިޖްތިމާއި އަދި އިގްތިސޯދީ ކުރިއެރުމަށާއި، މި ސަރަހައްދަށް އުޖާލާ މުސްތަގްބަލެއް ހޯދުމަށް، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވެސް އިންޑިއާގެ ރައީސް ވިދާޅުވިއެވެ. އަދި އެކަމަނާ ވަނީ ދިވެހި ޖުމްހޫރިއްޔާގެ ރައްޔިތުންނަށް ސުލްހަމަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.