ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމަށް އިންޑިއާއިން މިއަދު އެއްބަސްވެއްޖެއެވެ.
ކަރަންސީ ސްވޮޕް އެއްބަސްވުން ބަދަލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މި ވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެފެއާޒް ޑިޕާޓްމެންޓުގެ ސެކްރެޓަރީ އަޖޭ ސެތެވެ.
ރައީސް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ފަހަރަކު އިންޑިއާއިން އެހީތެރިކަން ދެމުންދާ ކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދިވެހީންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު ދަންނަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ކަރަންސީ ސްވޮޕްގެ ސަބަބުން، ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ލުއިވެގެން ދާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް މި ދިނީ ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ޑޮލަރުގެ ތާށިކަން ކުރިމަތިވެފައި ވަނިކޮށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އިތުރު ހަތަރު އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައިވެއެވެ. އެއީ:
- އިންޑިއާގެ ރަޝްތްރިޔާ ރަކްޝާ ޔުނިވާސިޓީ އާއި ރާއްޖޭގެ ޕޮލިސް ކޮލެޖާއެކު ވެފައިވާ އެއްބަސްވުން
- ކޮރަޕްޝަން ނައްތާލުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބިއުރޯ އާއި ރާއްޖޭގެ އޭސީސީއާ އެކު ވެފައިވާ އެއްބަސްވުން
- ރާއްޖޭގެ ޖުޑީޝަރީ އޮފިސަރުން ތަމްރީނުކުރުމަށްޓަކައި އިންޑިއާގެ ޖުޑީޝަލް އެކަޑެމީ އާއި ރާއްޖޭގެ ޖޭއެސްސީ އާ އެކު ވެފައިވާ އެއްބަސްވުން
- ކުޅިވަރާއި ޒުވާނުން ކުރިއެރުވުމަށް އިންޑިއާ އާއި ރާއްޖެއިން ވެފައިވާ އެއްބަސްވުންތައް އާ ކުރުން