ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އަންނަ މަހުގެ ފަހުކޮޅުގައެވެ.
މި ދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު އިގްތިސޯދީ ގުޅުން ބަދަހިކުރުމަށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އަނޫރަ ކުމާރަ ޑިސަނަޔަކެ ލަންކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.
ޖުލައި 29އަކީ ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް 60 އަހަރު ފުރޭ ދުވަސް ކަމަށް ވާއިރު، ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ ޖުލައި 29އަށް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އަންނަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާނެކަމަށް އެ ގައުމުގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މޯދީ ރާއްޖެ ވަޑައިގަންނަވަނީ ޖުލައި 26 ވަނަ ދުވަހު ބާއްވާ މިނިވަންދުވަހުގެ ރަސްމިއްޔާތަށް ކަމަށް ލަފާކުރެވޭ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.