ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނަވަން ކަމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
"ޓައިމްސް އޮފް އިންޑިއާ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްމީ ދައުވަތު އަރުވާފައެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވަނީ ޖުލައި 26 ވަނަ ދުވަހު ބާއްވާ މިނިވަންދުވަހުގެ ރަސްމިއްޔާތަށް ކަމަށް ލަފާކުރެވޭ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ. މިކަން މިހާތަނަށް އިންޑިއާގެ ސަރުކާރުން ނުވަތަ ރާއްޖޭގެ ސަރުކާރުން ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިއީ މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ. އެންމެފަހުން މޯދީ ރާއްޖެ ވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު އަދި ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރުގެ އިސްމަގާމުތަކެއްގައި ކުރިން ތިބި ބައެއް ފަރާތްތަކުން މޯދީއަށް ކުޑައިމީސްކޮށް މީސްމީޑިއާގައި ދެއްކި ވާހަކަތަކުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވިއެވެ. ނަމަވެސް މިހާރު 2 ގައުމުގެ ގުޅުން ރަނގަޅުވަމުން އަންނައިރު އިންޑިއާ އާއި ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާ ދެމެރި މަޝްވަރާބައްދަލުވުންތައް ވެސް ބާއްވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.