އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަށް އިހްތިރާމް ކުރައްވާނެ ކަމަށާއި އިންޑިއާއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވަނީ އިންޑިއާގެ ރައީސް ދްރޯޕަތީ މުރުމޫ އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އަބަދުވެސް އިހްތިރާމް ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުމަކީ އިހްތިރާމާއި އިތުބާރުގެ މައްޗަށް އުފެދިފައިވާ ގުޅުމެއް ކަމަށެވެ.

މުސްތަގުބަލުގައި ދެ ގައުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރައްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.